ދ. ކުޑަހުވަދޫގައި ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ ހައުސިން މަޝްރޫއުގެ ތެރެއިން އެ މީހެއްގެ އަމިއްލަ ގޯތީގައި ގެ ހަދަން ބޭނުންވާ ނަމަ އެ ފުރުސަތު ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ސަރުކާރުން މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި ވަނީ 57 ރަށެއްގައި ހައުސިން ޔުނިޓް ހަދާނެ ބަޔަކު ހޯދަން އިއުލާންކޮށްފަ އެވެ. އެ ރަށްތަކުގެ ތެރޭގައި ކުޑަހުވަދޫވެސް ހިމެނޭއިރު އެ ރަށުގައި ހަދަން ނިންމާފައިވަނީ 500 ހައުސިން ޔުނިޓެވެ.

ދ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުޑަހުވަދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، 500 ހައުސިން ޔުނިޓް ހިމެނޭ މަޝްރޫއު ކުރިއަށް ގެންދަން އެ މަނިކުފާނު ވިސްނަވާފައިވަނީ އަމިއްލަ ގޯތީގައި ގެދޮރު އަޅަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ލިބޭ ގޮތަށް ކަމަށެވެ.

އެގޮތުން އެ ފުރުސަތު ބޭނުންވާ މީހުންނަށް އެ މީހެއްގެ އަމިއްލަ ގޯތީގައި ސަރުކާރުން ހަދައިދޭނީ ތިން ކޮޓަރީގެ ގެއެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ހައުސިން މަޝްރޫއުގެ ތެރެއިން ޔުނިޓް ހަދާނީ އަމިއްލަ ގޯތީގައި ގެ ހަދަން ބޭނުންވާ މީހުން ބެލުމަށްފަހު އެކަމަށް ވަކި އަދަދެއް ކަނޑައަޅާފައި ބާކީވާ ބައި ކަމަށެވެ.

ކުޑަހުވަދުއަކީ އާބަން ސެންޓަރުތަކެއްގެ ގޮތުގައި ތަރައްގީކުރަން މި ސަރުކާރުން ނިންމި ހަތް ރަށުގެ ތެރެއިން އެއް ރަށެވެ.