މިއަހަރުގެ ރަމަޟާން މަހުގެ އިނާޔަތް ނުލިބޭނަމަ އެކަމުގެ ޝަކުވާ ހުޅަހެޅުމަށް ލޭބާ ރިލޭޝަންސް އޮތޯރިޓީން އެދިއްޖެއެވެ.
އެ އޮތޯރިޓީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ވަޒީފާއާ ބެހޭ ގާނޫނޫގެ 51 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒަފަކަށް ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި، ރަމަޟާން މަސް ފެށުމުގެ ކުރިން 3000 ރުފިޔާ ދޭންވާނެ ކަމަށެވެ.
ނަމަވެސް ބައެއް ފަރާތްތަކުން ރަމަޟާން މަހުގެ އިނާޔަތް ދިންކަމުގައި ވިޔަސް، ވަޒީފާއާބެހޭ ގާނޫނުގައި ބުނާގޮތަށް ރަމަޟާން މަހުގެ އިނާޔަތް ނުދޭކަމަށް އެ އޮތޯރިޓީއަށް ފާހަގަވެފައިވާ ކަމަށެވެ.
ލޭބާ ރިލޭޝަންސް އޮތޯރިޓީގެ އިއުލާނުގައި އިތުރަށް ބުނީ، ވަޒީފާ އަދާކުރާ ދިވެހި މުވައްްޒަފުންނަށް، ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ރަމަޟާން މަހުގެ އިނާޔަތް ލިބިފައި ނުވާތީ، ފާއިތުވި އަހަރު ގިނަ މައްސަލަތަކެއް އެ އޮތޯރިިޓީއަށް ހުށަހަޅާފައިވާ ކަމަށެވެ.
"ވީމާ، ވަޒީފާދީގެން މުވައްޒަފުން ގެންގުޅޭ އެންމެހާ ފަރާތްތަކުން ވަޒީފާއާ ބެހޭ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން މިއަހަރުގެ ރަމަޟާން މަހުގެ އިނާޔަތް ދިނުމަށް ހަނދާންކޮށްދެމެވެ. އަދި ރަމަޟާން މަސް ފެށޭއިރު ވަޒީފާ އަދާކުރާ ދިވެހި މުވައްޒަފުންނަށް އިނާޔަތް ލިބިފައިނުވާ ނަމަ އެކަމުގެ ޝަކުވާ މި އޮތޯރިޓީއަށް ހުށަހެޅޭނެއެވެ..،" ލޭބާ ރިލޭޝަންސް އޮތޯރިޓީގެ އިއުލާނުގައި ބުންޏެވެ.
ރަމަޟާން މަހުގެ އިނާޔަތް އަމިއްލަ އަދި ސަރުކާރުގެ އިދާރާތަކުގައި މަސައްކަތްކުރާ ދިވެހިންނަށް ދޭންވާނެ ކަމަށްވެސް އެ އޮތޯރިޓީގެ އިއުލާނުގައިވެއެވެ. އަދި ވަޒީފާގައި ތިބި ވަގުތީ މުވައްޒަފުން، ޕްރޮބޭޝަނުގައި ތިބޭ މުވައްޒަފުން އަދި ގާނޫނުން ލިބިދޭ ޗުއްޓީތަކުގައި ތިބޭ މުވައްޒަފުންނަށްވެސް އިނާޔަތް ހައްގުވާނެ ކަމަށް އެ އޮތޯރިޓީގެ އިއުލާނުގައި ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު