މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ އަދި މިނިސްޓްރީ އޮފް ޓޫރިޒަމް އެއްކޮށްލައްވައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މިނިސްޓަރަކަށް އައްޔަން ކުރެއްވި ތޯރިގު އިބްރާހީމްއަށް ރުހުން ދޭން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އެ ދެ މިނިސްޓްރީ އެއްކޮށްލައްވައި، މިނިސްޓާ އޮފް ޓޫރިޒަމް، އެންޑް، އެންވަޔަރަންމަންޓްގެ މަގާމަށް ތޯރިގު އައްޔަން ކުރެއްވީ މިދިޔަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު، އޭރު ހުންނެވި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވަކި ކުރެއްވުމަށްފަހުގައެވެ.

ތޯރިގަށް ރުހުންދޭން ފާސްކުރީ މިއަދުގެ ޖަލްސާގައި ތިއްބެވި، މެންބަރުންގެ ތެރެއިން ބައިވެރިވެވަޑައިގެންނެވި 69 މެންބަރުންގެ އިއްތިފާގުންނެވެ.

ގާނޫނުގައިވާގޮތުން ވަޒީރުންގެ މަޖިލީހަށް ބޭފުޅަކު އައްޔަން ކުރެއްވުމަށްފަހު އެ ވަޒީރުންނަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވަން ހުށަހަޅަން ޖެހެއެވެ. ވަޒީރުންނަށް ގާނޫނީ ބާރުވެރިން ލިބިވަޑައިގަންނަވާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިވަޑައިގަތުމުންނެވެ.