ރަސްފަންނު މޫދަށް އެރޭ ސަރަހައްދަށް ކިސަޑު ޖަމާވެފައިވުމުން، އެ މައްސަލަ ހައްލުކުރުމަށް ވަގުތީގޮތުން އާންމުންނަށް ބަންދުކުރަން ނިންމައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ ރަސްފަންނުގެ މޫދަށް އެރޭ ސަރަހައްދުގެ 500 އަކަ މީޓަރުގެ ބޮޑުމިނުގެ ސަރަހައްދެއްގައި އެއް ފޫޓުގެ ފުންމިނަށް ކިސަޑު ޖަމާވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެކަމާއި ގުޅިގެން، އެ ސަރަހައްދުން ކިސަޑު ނަގައި، ބީޗަށް ވެލި އެޅުމުގެ މަސައްކަތް މާދަމާ ހެނދުނު 9:00 ގައި ފެށިގެންދާނެ ކަމަށާއި މި މަސައްކަތް ފެށި ކުރިއަށްދާ މުއްދަތުގައި، މަސައްކަތް ނިމެންދެން ރަސްފަންނުގެ މޫދަށް އެރޭ ސަރަހައްދު އާންމުންނަށް ބަންދުކުރެވޭނެ ކަމަށް ސިޓީ ކައުންސިލުގެ އިއުލާނުގައި ބުންޏެވެ.

އެ އިއުލާނާއެކު ރަސްފަންނުގެ އާންމުންނަށް ބަންދުކުރެވިފައިވާ ސަރަހައްދުގެ ތަފްސީލު އެނގޭނެ ޗާޓެއް ވެސް ކައުންސިލުން ވަނީ އާންމުކޮށްފައެވެ.