ރާއްޖެ އާއި ޗައިނާއާ ދެމެދު ހަދާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން މިހާތަނަށް ޗައިނާއިން އެއް ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ޗައިނާއާ ދެމެދު ހަދާފައިވާ އެއްބަސްވުމާ ގުޅުވައިގެން ނޫހަކުން ލިޔެފައިވާ ލިޔުމަކާ ގުޅޭގޮތުން "އަހާ ފޯރަމް"ގައި ރޭ ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ރާއްޖޭގެ އިމްޕޯޓް ޑިއުޓީގެ ރެވެނިއު ދަށްވި ކަމަށް ރިޕޯޓުކުރި ނަމަވެސް، އެކަމާ އެފްޓީއޭއާ ގުޅުމެއް ނެތް ކަމަށެވެ.

"މިއަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން މިހާ ހިސާބަށް އެއް ބިލިއަން ރުފިޔާގެ މުދާ ޗައިނާއިން ގެނެސްފަ އެބަހުރި. އޭގެ ސީއައިއެފް ވެލިއު މި އަރަނީ ގާތްގަނޑަކަށް 34 މިލިއަން ރުފިޔާ. އަރާއިރު، އެފްޓީއޭ ބެނެފިޓް ހަމައެކަނި ލިބިފައި މި އިންނަނީ 2.3 މިލިއަން ރުފިޔާ. އެއީ ޖުމުލަ އިމްޕޯޓުގެ އެއް ޕަސަންޓު. އެހެންވީމާ އެފްޓީއޭއާ އެއާ ގުޅުމެއް ނެތް. މިއައި ޑްރޮޕްގެ ޑިކްލައިން އެފްޓީއޭއަކާ ގުޅުމެއް ނެތް،" ސައީދު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އާމްދަނީ ކެޓަގަރީތަކުން އިމްޕޯޓް ޑިއުޓީ ހިމެނެނީ ހަތަރުވަނައިގައި ކަމަށާއި ފްރީޓްރޭޑާއި ޓެރިފް މައްސަލައިގައި ބޮޑެތި ގައުމުތަކުގެ ވާހަކަދައްކާ އިރު، ހިޔާލު ތަފާތުވެދާނެ ކަމަށެވެ.

"ރާއްޖެއަކީ މެނުފެކްޗަރިން ގައުމެއް ނޫން، ރާއްޖެއަކީ އިމްޕޯޓް ޑިޕެންޑަންޑް ގައުމެއް. އެހެންވީމާ ރާއްޖެއަށް ބޭނުންވާ މުދާ ރާއްޖެއަށް ފަހިގޮތަކަށް ގެނެވުން ރާއްޖޭގެ ވިޔަފާރިވެރިންނަށް ފައިދާވާނެ. އަދި އެ މުދާ ބޭނުންކުރާ އާންމު ރައްޔިތުންނަށް ފައިދާވާނެ. އެއަކަށް ހައި ޓެރިފް ރޭޓުތަކެއް، ހައި ޓެރިފް ބޭންޑްތަކެއް ގެނައީމައެއް ނޫން،" ސައީދު ވިދާޅުވިއެވެ.

މިނިސްޓަރު ސައީދު އިތުރަށް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ މުހިންމު އެއް ވިސްނުންފުޅަކީ ރާއްޖެއަކީ ވިޔަފާރިކުރަން ފަސޭހަ، ވިޔަފާރިއަށް ލުއި ގޮތްތަކެއް ހަދާނެ ގައުމަކަށް ހެދުން ކަމަށެވެ. އަދި އާންމު ރައްޔިތުން ގޭބިސީތަކުގައި ބޭނުންކުރާ ތަކެއްޗަކީ އަގުބޮޑުވެގެން ނުދާ، އަގު މެނޭޖުކުރެވިގެންދާ އެއްޗެއްސަށް ވުމާއި ރާއްޖެއަށް ރީއެކްސްޕޯޓް ބާޒާރެއް ވެސް އުފެއްދުން ކަމަށެވެ.

ރާއްޖެ އާއި ޗައިނާއާ ދެމެދު ހަދާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފަށާފައިވަނީ މިދިޔަ މަހުގެ އެއްވަނަ ދުވަހުއެވެ. އެ އެއްބަސްވުން ހަދާފައިވަނީ ޗައިނާއިން ރާއްޖެ އެތެރެކުރާ 70 ޕަސަންޓް މުދަލުން ޑިއުޓީ ކެނޑޭ ގޮތަށެވެ.

އެއްބަސްވުމަށް އަމަލުކުރަން ފަށަން ތައްޔާރުވެފައިވާކަން އިއުލާނުކުރުމަށް މިދިޔަ ޑިސެމްބަރު މަހުގެ 30 ގައި ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައިވަނީ ޗައިނާއާއެކު ހެދި މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ފަހިވެގެންދާ ފުރުސަތަކީ ފަސް އެނބުރި ބަލައި، މިކަން ފާހަގަކުރާ ވަރުގެ ބޮޑު ފުރުސަތެއް ކަމަށާއި މި ފުރުސަތުގެ ފުރިހަމަ ބޭނުން ހިފުމަށް ދިވެހި ވިޔަފާރިވެރިންނަށް އިލްތިމާސްކުރައްވާ ކަމަށެވެ. އަދި އެ އެއްބަސްވުމުގެ ސަބަބުން ޗައިނާ މިއަދު ކުރިއަރައިގެން އެދާ ދިއުމުގައި އެންމެ ބޮޑު ފުރުސަތެއް ލިބިގެން މިދަނީ ރާއްޖެއަށް ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

"އެ ދިޔައީ މި އެފްޓީއޭ ތަންފީޒުވެގެން، 1 ޖެނުއަރީ 2025 އިން ފެށިގެން. އައިޓަމްސްގެ ޓެރިފް އެއްކޮށް ކެނޑިގެންދާނެ 70 ޕަސަންޓް ގާތްގަނޑަކަށް. އޭގެ ތެރޭގައި ޗައިނާއަށް އެކްސްޕޯޓްކުރާ އައިޓަމްތަކުގެ ތެރޭގައި 95 ޕަސަންޓުގެ އައިޓަމުން ސުން ޕަސަންޓުގައި އެކްސްޕޯޓުކުރެވޭނެ،" މިނިސްޓަރު ވިދާޅުވެފައިވެއެވެ.

މިނިސްޓަރު ސައީދު އިތުރަށް ވިދާޅުވެފައިވަނީ އެއާއެކުގައި ފަސް އަހަރު ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް އިތުރު 20 ޕަސަންޓާއެކު 90 ޕަސަންޓާ ހަމައަށް ރާއްޖެއަށް އެތެރެކުރާ ޗައިނާގެ ހުރިހާ މުދަލަކުން ޑިއުޓީ މައާފުވެގެންދާނެ ކަމަށާއި އެހެންވީމާ ރާއްޖޭގެ މި ދިގު ތާރީހުގައި ދުވަހަކުވެސް ރާއްޖެއަށް ނުލިބޭ ފަދަ ވިޔަފާރީގެ ކުރިއެރުން ލިބޭނެ ފަދަ ފުރުސަތެއް ފަހިވެގެން ގޮސްފައިވާ ކަމަށެވެ.

ރާއްޖެ އާއި ޗައިނާގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ މަނިކުފާނު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ޑިސެމްބަރު، 2014 ގައެވެ. އެއްބަސްވުމަށް އަމަލުކުރުމަށް 2017 ވަނަ އަހަރު މަޖިލީހުން ރުހުން ލިބިފައިވީ ނަމަވެސް، 2018 ވަނަ އަހަރު ސަރުކާރު ބަދަލުވުމާއެކު އެ އެއްބަސްވުމަށް އަމަލުކުރުން އޮތީ މަޑުޖެހިފައެވެ.