ރަމަޟާން މަހު ބާޒާރުގައި ވިއްކަން ހުރި ތަކެތީގެ އަގުތައް ބަލަމުންގެންދާނެ ކަމަށާއި އަގުބޮޑުވެއްޖެ ނަމަ، ވަގުތުން އެކަމަށް ފިޔަވަޅު އަޅާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ކުރިއަށްއޮތް ރޯދަމަހާ ދިމާކޮށް އެސްޓީއޯ އިން ވަނީ ދާދި ފަހުން ކާށި ޝިޕްމަންޓެއް ގެނެސް، ފަސް ރުފިޔާއަށް ކާއްޓެއް ވިއްކަން ފަށައިފައެވެ. އަދި ބާޒާރުގައި ފިޔާގެ އަގުބޮޑުވުމާއެކު، އެސްޓީއޯ އިން ވަނީ ފިޔާ ކިލޯއެއް 16 ރުފިޔާއަށް ވިއްކަން ފަށައިފައެވެ.
މިރޭ ބޭއްވި "އަހާ ފޯރަމް"ގައި މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވުމަށް މިނިސްޓަރު ސައީދު ވިދާޅުވީ އަތޮޅުތެރޭގެ ރަށްރަށުގެ އަދި މާލޭ ސަރަހައްދުގެ އެއްވެސް ދިމާލަކުން އަސާސީ މުދަލުގެ އަގުބޮޑުވާން ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުނުވާ ކަމަށާއި ރޯދަމަހަށް އަމާޒުކޮށްގެން އެސްޓީއޯ އިން މިހާރު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
"ޖުމުލަކޮށް އަޅުގަނޑު ޔަގީންކަން އަރުވަން އިރާދަކުރެއްވިއްޔާ ރަމަޟާން މަހުގެ އަގުތައް އަޅުގަނޑުމެން ވަރަށް ގާތުން ބަލަމުންދާނީ. އަގުބޮޑުވާ ބާވަތެއް އައިސްފިއްޔާ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކަމަކަށް އިންޓަވީން ކުރާނަން،" މިނިސްޓަރު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ އަސާސީ ބާވަތްތަކުގެ މުދާ އެއް ގައުމަކުން ނުލިބިއްޖެއްޔާ އެހެން ގައުމަކުން ވިޔަސް ގެންނާނެ ކަމަށާއި ކަނޑުމަގުން ނުގެނެވޭ ކަމަށްވަންޏާ، އެއާ ފްރައިޓުކޮށްގެން ވިޔަސް ގެންނާނެ ކަމަށެވެ. އަދި އަމާޒަކީ އަގުބޮޑުވާ މައްސަލަ އައިސްފި ކަމަށްވަންޏާ، ވަގުތުން އެކަމަށް ފިޔަވަޅު އެޅުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އަޅުގަނޑުގެ އިލްތިމާސްއަކީ ރަމަޟާން މަހާ ގުޅިގެން އެއްވެސް ވިޔަފާރިއަކުން މިފަދަ އަސާސީ ބާވަތްތަކުގެ މުދާ އަގުބޮޑުނުކުރުން. ދިމާވާ ހުރަސް ހުރި ނަމަ، ސަރުކާރާ އެކުގައި މަޝްވަރާކޮށްގެން، ވާހަކަދެއްކުމަށްޓަކައި ބިޒްނަސް ކައުންސިލެއް އެބައޮވޭ އެކުލަވާލާފައި. އާންމު ޕްރައިވެޓް ވިޔަފާރިތަކުގެ މައްޗަށް އެކުލެވޭ ކައުންސިލެއް ރައީސުލްޖުމްހޫރިއްޔާ ވަނީ އެކުލަވާލާފައި. އެ ކައުންސިލުގައި ވަރަށް ތަފްސީލުކޮށް ވާހަކަދެކެވިގެން، މަޝްވަރާކުރެވެމުންދަނީ،" މިނިސްޓަރު ވިދާޅުވިއެވެ.
ކޮންމެ އަހަރަކު ވެސް ރޯދަ މަހާ ދިމާކޮށް، އެ މަހު އަގު މައްޗަށްދާނެ ކަަމަށް ބެލެވޭ ސާމާނަށް އިސްކަން ދީގެން ދުރާލައި އެސްޓީއޯއިން ތަކެތި އެތެރެ ކުރެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު