ސަލްޓަން ޕާކާއި ރަސްފަންނު މަރާމާތު ކުރުމަށް ތައްޔާރުވަމުންދާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.
ރަސްފަންނާއި ސަލްޓަން ޕާކަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އޭރު ހައުސިން މިނިސްޓަރަކަށް ރައީސް މުއިއްޒު ހުންނަވައިގެން ތަރައްގީކޮށް ހުޅުވި ދެތަނެވެ. އެގޮތުން ރަސްފަންނު ހުޅުވީ 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ. ރަސްރަނި ބަގީޗާގެ ނަމުގައި ސަލްޓަން ޕާކަށް ބޮޑެތި ބަދަލުތަކެއް ގެނެސް ހުޅުވީ 2017 ވަނަ އަހަރުގެ އޮގަސްޓް މަހުއެވެ.
ރައީސް ޑރ. މުއިއްޒު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރަސްފަންނާއި ސަލްޓަން ޕާކަކީ ތޮއްޖެހިފައިވާ މާލޭގައި، ރައްޔިތުންނަށް ނުހަނު ހިތްހަމަޖެހުމާއި އުފާ ލިއްބައިދޭ ދެ ތަނަށްވާއިރު، އެ ދެތަން ވީރާނަވަމުންދާތީ ހިތާމަކުރައްވާ ކަމަށެވެ.
"މި ދެ ތަނުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދީ އަދި ކުރިއަށްވުރެވެސް ފުރިހަމަ ކޮށްދިނުމަށް ސަރުކާރުން ހާއްސަ މަސަައްކަތްތަކެއް ކުރާނެކަން މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ އެންމެހާ ރައްޔިތުންނަށް މައުލޫމާތަށްޓަކައި ދަންނަވަން،" ރައީސް ވިދާޅުވި އެވެ.
މާލޭ ސިޓީ ކައުންސިލުން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ ސަލްޓަން ޕާކަކީ އެތަން ހުޅުވިފަހުން އެއްވެސް މަރަމާތުކޮށްފައިވާ ތަނެއް ނޫން ކަމަށެވެ. އެ ޕާކުގައިހުރި އިމާރަތްތަކާއި ވަސީލަތްތައް މިހާރު ވަނީ ބޭނުންނުކުރެވޭ ހާލަތަށް ގޮސްފައި ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. އަދި ބުނީ ރަސްފަންނުގެ ވެލިގަނޑު ރަނގަޅުކުރުމަށް ބޭނުންވާ ތިމާވެށީގެ ހުއްދަ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ދޫކޮށްފައިވާ ކަމަށެވެ. ކޮންޓްރެކްޓަރު އަންނަ ހަފުތާގެ ތެރޭގައި އެތަނުގެ ޗަކަ ނަގައި، މަސައްކަތް ފަށާނެކަން އަންގާފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު