އައްޑޫ ސިޓީ ހިތަދޫގައި މީހަކު ރަހީނު ކުރި މައްސަލައިގައި ހައްޔަރު ކުރި ހަތަރު މީހުންގެ ބަންދުގެ މުއްދަތު ޖަހައި ކުޑަ ކުއްޖާ ދޫކޮށްލައިފިއެވެ.
އައްޑޫ ސިޓީގެ، ހިތަދޫގައި މީހަކު ރަހީނުކޮށް އަނިޔާ ކުރި މައްސަލައެއްގައި 15 އަހަރުގެ ކުއްޖަކާއި އިތުރު ތިން މީހަކު ހައްޔަރު ކުރީ އިއްޔެއެވެ.
ފުލުހުން ބުނީ ރަހީނު ކުރި މީހާއަށް އަނިޔާ ކުރި މީހުން އަތުލައިގަތީ އިއްޔެ ރޭ 1:35 އެހާކަންހާއިރު ހިތަދޫ، މައިލީ ދަނޑު ސަރަހައްދު ފުލުހުން ޕެޓްރޯލް ކުރަމުން ދަނިކޮށް، އެ ސަރަހައްދުގައި ތިބި ބަޔަކު ފުލުހުންނަށް ފިލަން މަސައްކަތް ކުރުމުންނެވެ. އެގޮތުން ރަހީނު ކުރި މީހާ އެ ސަރަހައްދުގައި ހުރި ޖޯއްޔެއްގައި ބަނދެ ބޮލުން ބައެއް ބާލައި އަނިޔާކޮށްފައި ހުއްޓައި ފުލުހުންނަށް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައިގައި ހައްޔަރު ކުރީ ހިތަދޫގެ ވިޝަން ޑްރީމް/ ސަމާހު ތައުފީގު 20އ. އާއި ގްރޭސް/ ޔައީޝް އާޒާދު 19އ. އާއި ހިތަދޫ، ނޫތަރި/ އަޝްރަފު މުހައްމަދު، 22އ. އަދި އެ ސިޓީގެ މެރީ ގާޑަން/ އަލީ މާޒިން ހަސަން، 20 އ. އެވެ.
އެ މީހުންގެ ބަަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ސަމާހު އަދި އަޝްރަފު 15 ދުވަހަށް އަދި ޔައީޝް އާއި މާޒިން ހަތް ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރު ކުރި ކަމަށް ފުލުހުން ބުންނެވެ. އަދި އެ މައްސަލައިގައި ޕޮލިހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 15 އަހަރުގެ ކުއްޖާ ކޯޓަށް ހާޒިރުނުކޮށް، އާއިލާ ހަވާލުކުރި ކަމަށްވެސް ފުލުހުން ބުންޏެވެ.
މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު