ތިން ގައުމަކަށް ނޮން-ރެޒިޑެންޓް ސަފީރުން އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވި މައްސަލަ ދިރާސާ ކުރުމަށް ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.
ނޮން-ރެޒިޑެންޓް ސަފީރުން ކަނޑައަޅުއްވަނީ ބޫޓާނަށާއި ކުވައިތަށާއި ސްވިޒަލޭންޑަށެވެ.
ދިވެހިރާއްޖޭގެ ފޮރިން ސާވިސް ގާނޫނުގެ ދަށުން ބޭރު ގައުމުތަކަށް ސަފީރުން އައްޔަންކުރެއްވޭނީ ރައްޔިތުންގެ މަޖިލީހުން ރުހުން ލިބިގެންނެވެ.
ރާއްޖެއިން ބޫޓާނަށް ކަނޑައަޅުއްވާ ނޮން-ރެޒިޑެންޓް ސަފީރުގެ މަގާމަށް އައްޔަން ކުރެއްވުމަށް ފޮނުއްވާފައި ވަނީ ބަންގްލަދޭޝްގައި ހުންނަވާ ސަފީރު ޝިއުނީން ރަޝީދުގެ ނަންފުޅެވެ. ކުވެއިތަށް ކަނޑައަޅުއްވާ ނޮން ރެޒިޑެންޓް ސަފީރުގެ މަގާމަށް އައްޔަންކުރުމަށް ފޮނުއްވާފައިވަނީ ސައުދިއަރަބިއްޔާގައި ހުންނަވާ ސަފީރު އަހުމަދު ސަރީރުގެ ނަންފުޅެވެ. އަދި ސްވިޒަލޭޑަށް ކަނޑައަޅުއްވާ ނޮން-ރެޒިޑެންޓް ސަފީރުގެ މަގާމަށް އައްޔަންކުރެއްވުމަށް ފޮނުއްވާފައިވަނީ ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދުގެ ނަންފުޅެވެ.
މި މައްސަލަ އިތުރަށް ދިރާސާ ކުރުމަށް ވަނީ، މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު