މޫސުމަށް އަންނަ ބަދަލުތަކާއި ދެމެހެއްޓެނިވި ތަރައްގީ ހޯދުން ފަދަ ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އަންހެން ސައިންސްވެރިންނާއި ފަންނީ ތަޖުރިބާކާރުންނާއި އިސްވާރުންގެ ދައުރު ވަރަށް މުހިންމު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ސައިންސްގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންނާއި އަންހެން ކުދިންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ފޮނުއްވި ހާއްސަ މެސެޖުގައި ވިދާޅުވީ ބައިނަލްއަގުވާމީ ފެންވަރުގައި މިފަދަ ދުވަހެއް ފާހަގަކުރަނީ ސައިންސްގެ ރޮނގުން އަންހެނުންނާއި އަންހެން ކުދިން ހޯދާފައިވާ މުހިންމު މަސައްކަތްތައް ފާހަގަކޮށް، އެ ކުދިންގެ ބައިވެރިވުމާއި ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމާއި ކުރިއެރުމާއި ކާމިޔާބީ ފާހަގަކޮށް، އެއްބާރުލުންދީ ބާރުއެޅުމުގެ ގޮތުން ކަމަށެވެ.

ރައީސް ވިދާޅުވީ ސައިންސާއި ސައިންސްގެ ދާއިރާއިން އަންހެނުންނާއި އަންހެން ކުދިން، އީޖާދީ އަދި ވިލުންތެރި ގޮތެއްގައި ބާރުވެރިކުރުވައި، މަސައްކަތްތެރިކަމުގެ ފަންނުތަކަށް އަންނަ ހަލުވި ކުރިއެރުމުގައި އަންހެނުންގެ ބައިވެރިވުން ކަށަވަރުކުރުމަށް ދިވެހި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނެ ކަމަށެވެ.

"ސްކޮލާޝިޕްތަކާއި ސްޓޫޑެންޓް ލޯން ސްކީމްތަކާއި ސައިންސް، ޓެކްނޯލޮޖި، އިންޖިނިއަރިން އަދި މެތަމެޓިކްސް، ސްޓެމްގެ ދާއިރާގެ ކޯސްތަކުން ފުރަތަމަ ޑިގްރީގެ ހިލޭ އެހީގެ ނަތީޖާއެއްގެ ގޮތުން މި ޕްރޮގްރާމްތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުވެ، ތައުލީމީ ދާއިރާގައި މިންތީގެ ފަރަގު ކުޑަކުރުމުގައި ދެމެހެއްޓެނިވި ތަރައްގީގެ އަމާޒު ނުވަތަ އެސްޑީޖީއަށް ވާސިލުވެވުމީ، ތައުލީމީ ދާއިރާގައި މިންތީގެ ހަމަހަމަ ކަމަށް ރާއްޖެއިން ދޭ އަހައްމިއްޔަތުކަން ހާމަވެގެންދާ ކަމެއް،" ރައީސް ވިދާޅުވިއެވެ.

ވޮކޭޝަނަލް ލެބްތަކާއި ކެރިއާ ގައިޑެންސް ޕްރޮގްރާމްތައް މެދުވެރިކޮށް، މަސައްކަތުގެ ތަމްރީނުތައް އިތުރުކޮށް، އަންހެނުންނާއި އަންހެން ކުދިންނަށް ތައުލީމާއި މަސައްކަތް އުނގެނުމުގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ ރާއްޖޭގެ އަމާޒު ކަމަށެވެ. އަދި މިހާރަށްވުރެ ބޮޑު ޖީލެއް ބާރުވެރިކުރުވައި މިންތީގެ ތަފާތުކުރުންތަކާ ދެކޮޅަށް މަސައްކަތް ކުރުމަކީ ވެސް ރާއްޖޭގެ އަމާޒު ކަމަށް ރައީސް ވިދާޅުވިއެވެ.

ޑިޖިޓަލް އިގުތިސޯދުގެ ހިއްސާ ޖީޑީޕީގެ 15 ޕަސެންޓަށް އިތުރުކޮށް 2040 ވަނަ އަހަރުގެ ކުރިން ރާއްޖެއަކީ ކުރިއަރާފައިވާ ގައުމަކަށް ހެދުމަކީ އެ މަނިކުފާނުގެ އަމާޒެއްކަން ފާހަގަކުރައްވައި ރައީސް ވަނީ އެ އުންމީދީ ދަތުރުގައި އަންހެނުންނަކީ މުހިންމު ދައުރެއް އަދާކުރާ ބަޔަކަށް ވުމަށް އެދިވަޑައިގަންނަވައިފައެވެ.

ރާއްޖޭން މަސައްކަތްކުރަނީ، ޓާގެޓެޑް އިނިޝިއޭޓިވްސް ނުވަތަ ވަކި ބަޔަކަށް އަމާޒުކޮށްގެން ހިންގާ މަޝްރޫއުތަކާއި އިންކްލޫސިވް ޕޮލިސީ ނުވަތަ ޝާމިލު ސިޔާސަތުތަކުގެ ޒަރިއްޔާއިން ސިންދަފާތު ކަމާއި ހުރިހާ އެންމެންގެ ޝާމިލުވުން އިތުރުކުރުން ކަމަށެވެ. އަދި އަންހެނުންނަށް ސައިންސްގެ ރޮނގުން ހަމަހަމަކަމާ އެކު އިސްވާރުންގެ ގޮތުގައި ކުރިއެރުން ހޯދޭނެ މާހައުލެއް ގާއިމުކުރުމަށް ވެސް ރާއްޖޭން މަސައްކަތް ކުރަމުންގެންދާ ކަމަށް ރައީސް ވިދާޅުވިއެވެ.