ސިޔާސީ މުވައްޒަފުންގެ މައުލޫމާތާއި މުސާރައިގެ މައުލޫމާތުދިނުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނިންމި ނިންމުމާ ގުޅިގެން ސަރުކާރުން ހައި ކޯޓަށް ހުށަހެޅި އިސްތިއުނާފު އަނބުރާ ނަގައިފިއެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން، ސިޔާސީ މުވައްޒަފުންގެ މައުލޫމާތާއި މުސާރައިގެ މައުލޫމާތު ހޯދުމަށް އަމިއްލަ ފަރާތަކުން އެދުމުން، އެއީ ޒާތީ މައުލޫމާތު ކަމަށްބުނެ ސަރުކާރުން މައުލޫމާތު ފޯރުކޮށްދީފައިނުވުމުން އެ މައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ވަނީ ހުށަހަޅައިފައެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެ މައްސަލައިގައި ނިންމާފައިވަނީ އެ މައުލޫމާތުތަކަކީ ޒާތީ މައުލޫމާތު ނޫން ކަމަށާއި އެ މައުލޫމާތު ހާމަކުރަން ޖެހޭނެ ކަމަށެވެ. އެއާއެކު ސަރުކާރުން ވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.
އެޓާނީ ޖެނެރަލް އަހުމަދު އުޝާމް އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދައުލަތުގެ ފަރާތުން މިމަހުގެ ދެވަނަ ދުވަހު ހައިކޯޓަށް ހުށަހެޅި އިސްތިއުނާފު އަނބުރާ ނެގުމަށް އެދި އެޓާނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން މިމަހުގެ ތިންވަނަ ދުވަހު ވާނީ ހައިކޯޓަށް ހުށަހަޅާފައި ކަމަށެވެ.
އެ މައުލޫމާތު ހޯދުމަށް އެދުނު ފަރާތަށް އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމާ އެއްގޮތަށް ފޯރުކޮށްދޭންޖެހޭ މައުލޫމާތު ރައީސް އޮފީހުން ފޯރުކޮށްދޭނެ ކަމަށް އުޝާމް ވިދާޅުވިއެވެ.
މީގެ ކުރިން އަމިއްލަ ފަރާތަކުން ވަނީ ސަރުކާރުގެ ސިޔާސީ މަގާމުތަކުން ވަކިކުރި 228 މީހުންގެ ނަމާއި މަގާމު ހޯދުމަށް ވެސް އެދިފައެވެ. އެފަހަރު ރައީސް އޮފީހުން އެ މައުލޫމާތު ފޯރުކޮށްދެވެން ނެތްކަމަށް ބުނި ސަބަބަކަށް ބަޔާންކޮށްފައިވަނީ "ސުޕްރީމް ކޯޓުގެ ހުކުމެއް އޮތުމެވެ". އަދި އެއީ "ޒާތީ މައުލޫމާތު" ކަމަށް ހުކުމުގައިވާ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
ރައީސް އޮފީހުން އެ ފާހަގަކުރި ސުޕްރީމް ކޯޓުގެ ހުކުމަކީ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބޯޑު ޑިރެކްޓަރުންގެ މައުލޫމާތާއި އެ ޑިރެކްޓަރުންގެ މުސާރައާއި އެލަވަންސްތަކުގެ މައުލޫމާތު ހޯދުމަށް އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލައެއްގައި އިންފޮމޭޝަން ކޮމިޝަނަރު ނިންމި ނިންމުން ބީއެމްއެލުން ހައިކޯޓަށް ހުށަހެޅުމުން، މައުލޫމާތު ހާމަކުރުމަށް އެ ކޯޓުން ހުކުމްކުރުމާއެކު އެ ބޭންކުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން ކުރި ހުކުމެކެވެ.
ސުޕްރީމް ކޯޓުން އެ މައްސަލައިގައި ގޮތެއް ކަނޑައެޅި ރައުޔުގައި ބުނެފައިވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ހޯދުމަށް އެދިފައިވާ މައުލޫމާތަކީ މީހެއްގެ ޒާތީ މައުލޫމާތު ކަމަށެވެ. އެއީ ގާނޫނުއަސާސީގެ 24 ވަނަ މާއްދާއަށް ރިއާޔަތްކޮށް ސުޕްރީމް ކޯޓުން ފާހަގަކުރި ކަމެކެވެ.
އެ މާއްދާގައި ބަޔާންކޮށްފައިވަނީ "ކޮންމެ މީހެއްގެ ޒާތީ އަދި އާއިލީ ދިރިއުޅުމާއި، ގޮވަތި ގެދޮރާއި، އަނެކުންނާ ކުރާ ޒާތީ މުއާސަލާތުތަކަކީ ހުރުމަތްތެރިވެގެންވާ ކަންކަމާއި ތަންތަނެވެ. ހަމަ ކޮންމެ މީހަކުމެ، އަނެކުންގެ މި ބުނެވުނު ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތާންވާނެ" ކަމަށެވެ.
އެ ނުކުތާއަށް ވެސް ބާރުދީ ސުޕްރީމް ކޯޓުން ހުކުމްކުރީ ބީއެމްއެލްގެ ޑިރެކްޓަރުންގެ ޒާތީ މައުލޫމާތު ހާމަ ނުކުރެވޭނެ ކަމަށާއި އަދި އެއީ ބީއެމްއެލްގެ "ޓްރޭޑް ސީކްރެޓް"އެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު