މި މަހުގެ އެއްވަނަ ދުވަހު ބްރިޖު ހައިވޭގައި އެކްސިޑެންޓުވި މީހާ ވެއްޓިފައި އޮއްވައި އޭނާގެ ގައިމަތިން ބާރު ސްޕީޑުގައި ދިޔަ ސައިކަލު ދުއްވި ސްޕީޑް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
އެ އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެއިން މާލެއަށް އަންނަ ލޭނުގައި އެ ވަގުތު ހިނގަމުންދިޔަ ސޯލާ ޕެނަލް މަސައްކަތާ ގުޅިގެން މަގުގެ އަރިމަތީގައި ބަހައްޓާފައި ހުރި ކޯނުތަކެއްގައި ސައިކަލު ޖެހި ވެއްޓުނު ވަގުތު، ފަހަތުން އައި އެހެން ސައިކަލަކުން، ވެއްޓިފައި އޮތް މީހާގެ ގައިގައި ޖެހިގެންނެވެ.
އެކްސިޑެންޓުގައި އަނިޔާވި މީހާ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް އެ ދުވަހުގެ ހެނދުނު 9:05 ގައި ވަނީ މަރުވެފައެވެ. މަރުވެފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޖާވިދު ޗައުދަރީ، 30އ. އެވެ.
ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ހާދިސާގެ ސީސީޓީވީ ފުޓޭޖު ދިރާސާކުރުމުން މަރުވި މީހާ ހައިވޭ މައްޗަށް ވެއްޓުނު ވަގުތު، ފަހަތުން އައި ސައިކަލުން އޭނާގެ ބޮލާ ދިމާލުގައި ޖެހޭ މަންޒަރު ފެންނަ ކަމަށެވެ.
އެހެންކަމުން އެ މީހާ ދުއްވި ސައިކަލު ޓޯކޮށް، ލައިސަންސް ހިފަހައްޓައި، ކޯޓު އަމުރެއްގެ ދަށުން ލައިސަންސް ހިފަހައްޓާފައިވާ މުއްދަތު އިތުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ، އެ މައްސަލައިގައި މަރުވި މީހާގެ ގައިގައި ޖެހުނު ސައިކަލު ދުއްވި މީހާ އެކްސިޑެންޓްވުމުން އެ ތަނުގައި މަޑުކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށްވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު