ފުލުހުންގެ ހައުސިން ޕްރޮޖެކްޓް (ބްލޫސް ހައުސިން ޕްރޮޖެކްޓް) ހިންގުމުުގައި އެތައް މިލިއަން ރުފިޔާއަކަށް ހިޔާނާތްތެރިވެފައިވާ މައްސަލަ ފާހަގަވެފައިވާއިރު، އެކަމަކީ ފުލުހުންގެ ވެލްފެއާ ކުންފުނި ކަމަށްވާ ޕޮލްކޯ ހިންގަވަން ތިއްބެވި ފުލުހުންގެ އިސްބޭފުޅުންނާއި ކޮންޓްރެކްޓަރާ ގުޅިގެން ހިންގާފައިވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އެ މައްސަލައިގެ ތަހުގީގު ކުރިއަށްގެންދާއިރު، އެ މައްސަލައިގެ އޮޑިޓް ރިޕޯޓާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ހޯދުމަށް އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީއާއި އެ އޮފީހުގެ އިސްބޭފުޅުން މިއަދު ވަނީ ކޮމިޓީއަށް ހާޒިރުކޮށްފައެވެ.

އެ ބައްދަލުވުމުގެ ތެރެއިން ކޮމިޓީގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ، ފުލުހުންގެ އެންމެ ސީނިއާ އޮފިސަރުންގެ މައްޗަށް އެފަދަ ތުހުމަތުތައް ކުރެވުމަކީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށެވެ.

"އޮޑިޓާ ޖެނެރަލް މީގައި ކުރައްވާ ތުހުމަތަކީ ޖިނާއި ކުށެއްގެ ތުހުމަތު، ސަރުކާރުގެ ވަރަށް ބޮޑު އަދަދެއްގެ ލާރި ގެއްލިފައި މި އޮތީ، 550 މިލިއަނުން ފެށި އެއްޗެއް އެއް ބިލިޔަނަށްވުރެ މައްޗަށް އަރާފައިވަނީ، މިކަން ސީރިއަސް ވަނީ ރާއްޖޭގެ ޖިނާއީ އިޖުރާއަތުގެ ނިޒާމު ހަމަޖެހިފައިވާ ގޮތުން ޖިނާއީ ކުށުގެ ކަންތައް ތަހުގީގުކުރުމާއި ދައުވާ އުފުލުމުގައި ވަރަށް އިސް ދައުރެއް އަދާކުރާ ބައެއް ފުލުހުންނަކީ އެހެންވީމަ ފުލުހުންގެ އޮފިސަރުންތަކެއްގެ މައްޗަށް އަދި އެންމެ ސީނިއާ އޮފިސަރުންގެ މައްޗަށް ތުހުމަތު ކުރެވުނީމާ މިކަމާބެހޭ ގޮތުން ކުރިއަށް ގެންދާނެ ގޮތްތަކެއް އަޅުގަނޑުމެން އެބަޖެހޭ ނިންމަން،" ނާޒިމް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، މި މައްސަލައަކީ ފުލުހުންގެ މައްޗަށް ކުރާ ތުހުމަތުތަކަކަށްވާތީ، އެ މައްސަލަ ދިގުދަންމާނުލައި އަވަހަށް ބަަލައި ނިންމަންޖެހޭ ކަމަށެވެ. އަދި އެކަމަކީ ގައުމީ ސަލާމަތާ ގުޅުންހުރި މުއައްސަސާއެއްގެ ކަމަކަށްވާތީ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ)އާވެސް އެ މައްސަލައިގެ މައުލޫމާތު ހިއްސާކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

"ފުލުހުންގެ އެންމެ އިސް އޮފިސަރުންގެ ކަނދުރާ މައްޗަށް ދަމާލެވިފައިވާ ކަނޑިއެއް ގޮތަށް މި މައްސަލަ ބޭއްވިގެންނުވާނެ މި މައްސަލަ އެބަޖެހޭ އަވަހަށް ނިންމަން، ނިންމާފައި މިކަމުގައި އިހުމާލުވާ ފަރާތްތައް ނުވަތަ ޒިންމާވާ ފަރާތްތައް ކޮމިޓީން ކަނޑައަޅާފައި ޖެހޭނެ ދަންނަވަން ސަރުކާރުގައި،" ނާޒިމް ވިދާޅުވިއެވެ.

ބްލޫސް ހައުސިން ޕްރޮޖެކްޓްގެ ދަށުން 300 ހައުސިން ޔުނިޓު ހެދުމަށް ޕޮލްކޯއިން ކޮރަޕްޝަންގެ ގިނަ އަމަލުތަކެއް ހިންގާފައިވާކަން ފެންމަތިވެފައިވަނީ އޮޑިޓް އޮފީހުން މިދިޔަ މަހުގެ 24 ވަނަ ދަވަހު އާންމުކުރި ހާއްސަ އޮޑިޓް ރިޕޯޓުންނެވެ.

އެ ރިޕޯޓްގައިވާ ގޮތުން ބްލޫސް ހައުސިން ޕްރޮޖެކްޓް މަޝްރޫއަށް ޖުމްލަ 1.06 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި އެއީ އަކަފޫޓަކަށް (ޖުމްލަ 573،332 އަކަފޫޓު) 1851 ރުފިޔާގެ ރޭޓުން ކަމަށެވެ. ނަމަވެސް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގެ ޓެންޑާ އިވެލުއޭޝަން ބޯޑުން ހޯދި މައުލޫމާތުތަކާއި އަމިއްލަ ފަރާތްތަކުގެ ކޮންސްޓްރަކްޝަން މަސައްކަތްތަކުގެ އަގުތަކަށް ބަލާ އިރު، މިފަދަ ކޮންސްޓްރަކްޝަން މަސައްކަތުގެ އެވަރެޖު އަގަކީ އަކަފޫޓަކަށް 1300 އާއި 1500 ރުފިޔާ ކަމަށް ވެސް ރިޕޯޓްގައިވެއެވެ.

މި ރޭޓުތަކަށް ބަލާނަމަ މި މަޝްރޫއުގެ އަގަށް ޖެހޭނީ 745.3 މިލިއަން ރުފިޔާ ކަމަށާއި އެންމެ ބޮޑުވެގެން ވެސް ހަރަދުވާނެ ކަމަށް ބެލެވެނީ 859.9 މިލިއަން ރުފިޔާ ކަމަށެވެ. އެހެންކަމުން މި މަޝްރޫއަށް 354.7 މިލިއަން ރުފިޔާ އިތުރަށް ހަރަދު ކޮށްފައިވާ ކަމަށް ވެސް އޮޑިޓް ރިޕޯޓްގައިވެއެވެ.

މި މަޝްރޫއުގެ ފުރަތަމަ އެއްބަސްވުމުގެ އަގު ކަމުގައި 580 މިލިއަން ރުފިޔާއާ އަޅައި ބަލާ އިރު، މި މަޝްރޫއަށް މިހާތަނަށް ހިނގާފައިވާ 481 މިލިއަން ރުފިޔާ އިތުރުވެ، ގާތްގަނޑަކަށް ދެގުނަ ހަރަދުކޮށްފައިވުމުން، ދައްކައިދެނީ މިފަދަ ބޮޑެތި ޕްރޮޖެކްޓްތައް ހިންގުމުގެ ފަންނީ ގާބިލްކަން ޕޮލްކޯގައި ނެތް ކަމާއި ކޮންޓްރެކްޓަރުންނަށް ފައިދާވާގޮތަށް އެއްބަސްވުންތަކަށް ބަދަލު ގެނެސްފައިވުމާއި އަދި ފްރޯޑާއި ކޮރަޕްޝަންގެ އަމަލުތަކަށް ޝައްކުކުރެވޭ ކަންކަން މި މަޝްރޫއުގެ ތެރޭގައި ހިނގާފައިވާ ކަމެވެ،" އޮޑިޓް ރިޕޯޓްގައިވެއެވެ.

އޮޑިޓް ރިޕޯޓްގައިވާ ގޮތުން މި މަޝްރޫއުގެ ބީލަމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތާ ހިލާފަށެވެ.

އެގޮތުން 30 ޖޫން 2013 ގައި ނޫމަޑިއަށް 500 މިލިއަން ރުފިޔާއަށް 300 ހައުސިން ޔުނިޓް އިމާރާތް ކުރުމުގެ ކޮންޓްރެކްޓް ހަވާލުކޮށްފައިވަނީ ބީލަން ސަރުކާރުގެ ގެޒެޓުގައި އިއުލާން ނުކޮށް ކަމަށާއި އަދި މަސައްކަތް ހަވާލު ކުރާނެ ފަރާތެއް ހޮވުމަށްޓަކައި ޓެންޑާ އިވޭލުއޭޝަން ބޯޑަށް ހުށަހަޅާފައިނުވާ ކަމަށެވެ. އަދި ކޮންޓްރެކްޓަރުގެ މާލީ އަދި ފަންނީ ގާބިލުކަމާއި ތަޖުރިބާ ވަޒަން ކޮށްފައިނުވުމުގެ ސަބަބުން ވަކި ހިސާބަކުން ކޮންޓްރެކްޓަރު މަސައްކަތުން ވަކިކޮށް އެހެންފަރާތަކަށް މަސައްކަތް ހަވާލުކުރަންޖެހި، މަޝްރޫއުގެ ހަރަދު އިތުރުވެގެން ގޮސްފައިވާ ކަމަށް ވެސް އޮޑިޓް ރިޕޯޓްގައިވެއެވެ.

މީގެ އިތުރުން ނޫމަޑިއާއެކު ވެފައިވާ އެއްބަސްވުން ބާތިލުކުރުމުގެ ގޮތުން، ދެ ފަރާތުން ސޮއިކޮށްފައިވާ ޓާމިނޭޝަން އެގްރީމެންޓުގައިވާ ގޮތުން ޕޮލްކޯ އިން ނޫމަޑިއަށް ޖުމުލަ 96،324،296 (ނުވަދިހަ ހަ މިލިއަން ތިން ލައްކަ ސައުވީސް ހާސް ދުއިސައްތަ ނުވަދިހަ ހައެއް) ރުފިޔާ ދައްކާފައިވާ އިރު، ނޫމަޑިން ކޮށްފައިވާ މަސައްކަތުގެ އަގަކީ 38،202،432 ރުފިޔާއެވެ. އަދި ނޫމަޑިއަށް ދައްކަންޖެހޭ ފައިސާގެ އަދަދަކީ 64.3 މިލިއަން ރުފިޔާ ކަމަށާއި އެހެންކަމުން އެކުންފުންޏަށް ދައްކަން ޖެހޭ ފައިސާގެ އިތުރަށް 20 މިލިއަން ރުފިޔާ، ޕޮލްކޯއިން ދިން ކަމަށް އެ މަޝްރޫއާ ގުޅޭ ހާއްސަ އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.