ރާއްޖެއަށް އެތެރެކޮށްފައިވާ މުދާތަކެއް، ރާއްޖެއިން އަނބުރާ ގެންދާން، ރީއެކްސްޕޯޓް ކުރަން އެ މުދާ އެތެރެކުރި ކުންފުންޏަށް، މޯލްޑިވްސް ކަސްޓަމްސް ސާވިސަސްއިން އެންގުމުން ވެސް ރީ އެކްސްޕޯޓް ނުކޮށް ހުރުމުގެ ސަބަބުން، އިމްޕޯޓް ޑިއުޓީގެ ގޮތުގައި 1.4 މިލިއަން ރުފިޔާ ކަސްޓަމަށް ދައްކަން އެ މުދާ އެތެރެކުރި ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.

ސިއެރާ ކޮންސްޓްރަކްޝަންގެ ފަރާތުން ރާއްޖެއަށް އިމްޕޯޓްކޮށްފައިވާ މުދަލަށް ހުށަހަޅާފައިވާ ގުޑްސް ޑިކްލަރޭޝަން ފޯމާއި، ގުޑްސް ޑިކްލަރޭޝަން ފޯމުގެ ދަށުން މުދާ އަނބުރާ ގެންދާގޮތަށް ސީއެރާ ކުންފުންޏަށް ދޫކޮށްފައިވީ ނަމަވެސް "ކަސްޓަމްސްގެ އާންމު ގަވާއިދު"ގެ ސިއެރާ ކުންފުނިން އެ މުދާ ރާއްޖެއިން އަނބުރާ ބޭރުކޮށްފައެއް ނުވެއެވެ. އެ މުދާ ރީއެކްސްޕޯޓް ކުރުމަށް ދީފައިވާ މުއްދަތު ހަމަވުމުން އިމްޕޯޓް ޑިއުޓީއަށް ދައްކަން ޖެހޭ 1،896،209 ރުފިޔާ ކަސްޓަމަށް ދައްކަން ސިއެރާއަށް އެންގުމުން އެ ފައިސާވެސް ދައްކައިފައެއް ނުވެއެވެ.

އެހެންވެ ކަސްޓަމުން ވަނީ ސިއެރާ ކުންފުންޏާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކޮށްފައެވެ.

މި މައްސަލައިގެ ޝަރީއަތުގައި ކަސްޓަމްސްގެ ފަރާތުން ބުނެފައިވަނީ ރާއްޖެއަަށް އެތެރެކޮށްފައިވާ މުދާ ކަނޑައެޅިފައިވާ މުއްދަތުގައި އަނބުރާ ފޮނުވާލާފައި ނުވާތީ، އެ މުދަލުގެ އިމްޕޯޓް ޑިއުޓީ ދައްކަން ދައުވާ ލިބޭ ފަރާތަށް ތަކުރާރުކޮށް އެތަކެއް ފަހަރެއްގެ މަތިން އަންގާފައިވާނެ ކަމަށެވެ. ނަމަވެސް ދައުވާކުރުމާ ހަމައަށްވެސް އެ ފައިސާ ސިއެރާ ކުންފުނިން ދައްކައިފައިނުވާ ކަމަށް ކަސްޓަމުން ބުންޏެވެ.

އެހެންކަމުން ގުޑްސް ޑިކްލަރޭޝަން ފޯމަށް ދައްކަން ޖެހޭ 1،467،713/12 ރުފިޔާއާއި އިތުރު ގުޑްސް ޑިކްލަރޭޝަން ފޯމަކަށް ދައްކަން ޖެހޭ 428،496/01 ރިފިޔާ، ސިއެރާ ކުންފުނިން ދެއްކުމަށް އަމުރުކޮށް ދިނުމަށް ކަސްޓަމުން ވަނީ އެދިފައެވެ.

ސިވިލް ކޯޓުން މި މައްސަލަ ބެލުމަށްފަހު މައްސަލައިގެ ރައުޔުގައި ގާޒީ ފައިސަލް އާދަމް ވިދާޅުވީ މި މައްސަލަ ކޯޓުގައި ހިނގަމުން ދަނިކޮށް ސިއެރާ ކުންފުނިން ވަނީ 428،496/01 ރުފިޔާގެ މުދާ އިޖުރާއަތުގެ ތެރެއިން ރީ އެކްސްޕޯޓް ކޮށްފައިވާ ކަމަށް މައުލޫމާތު ދީފައި ކަމަށެވެ. އެހެންވެ ދައުވާއިން އެބައި އުނިކޮށްފައިވާ ކަމަށް ގާޒީ ވިދާޅުވިއެވެ.

ކަސްޓަމުން މިހާރު ހޯދުމަށް އެދޭ 1،467،713/12 ރުފިޔާ އަކީ ދައުލަތަށް ދައްކަން ޖެހޭ ފައިސާ ކަމަށް ސިއެރާ ކުންފުނިން ގަބޫލުކުރާ ކަމަށް އެ ކުންފުނިން ބުނެފައިވާ ކަމަށް ގާޒީ ވިދާޅުވިއެވެ. ނަމަވެސް އެ ކުންފުނިން ރާއްޖެއަށް އެތެރެކުރި މެޝިނަރީސް މިހާރު ހަލާކުވެފައިވާތީ ހަމަސް ދުވަހަށް ބަހަލާއިގެން ދެއްކުމުގެ ފުރުސަތަކަށް އެދިފައި ކަމަށް ގާޒީ ވިދާޅުވިއެވެ. ކަސްޓަމުން އެދިފައިވަނީ އެ ފައިސާ އެކީ އެއްފަހަރާ ނަގައިދިނުމަށް ކަމަށް ގާޒީ ވިދާޅުވިއެވެ.

ގާޒީ މި މައްސަލައިގައި ރައުޔު ކަނޑައެޅުއްވީ އެ ފައިސާ އެއްމަސް ދުވަހުގެ ތެރޭގައި ދައްކައި ހަލާސް ކުރުމަށް ސިއެރާގެ މައްޗަށް ހުކުމް ކުރުމަށެވެ.

އެހެންވެ ގާޒީ މި މައްސަލައިގައިކުރި ހުކުމުގައި ވިދާޅުވީ 1،467،713/12 ރުފިޔާއަކީ ސިއެރާ ކުންފުނިން، ކަސްޓަމަށް ދައްކަން ޖެހޭ ފައިސާ ކަމަށް ކަނޑައަޅާ ކަމަށާއި އެ ފައިސާ އިއްޔެއިން ފެށިގެން އެއްމަސް ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކައި ހަލާސް ކުރުމަށް ސިއެރާ ކުންފުނީގެ މައްޗަށް ހުކުމްކުރާ ކަމަށެވެ.