ކޮމަންވެލްތް ޕާލިމެންޓަރީ އެސޯސިއޭޝަންގެ ފުރަތަމަ އޭޝިއާ، ސައުތު އީސްޓް އޭޝިއާ ސަރަހައްދީ ކޮންފަރެންސްގެ އިފްތިތާތީ ޖަލްސާގައި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ތަގުރީރު ކުރައްވައިފިއެވެ.
މި ކޮންފަރެންސަކީ މި ސަރަހައްދުގެ ކޮމަންވެލްތް ޕާލިމެންޓްރީ އެސޯސިއޭޝަންގެ މެންބަރު ގައުމުތަކުގެ ޕާލިމެންޓްތަކުގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވާ ކޮންފަރެންސެކެވެ. ޕާކިސްތާނުގެ ލާހޫރްގައި ކުރިޔަށްދާ، މި ކޮންފަރެންސް މި މަހުގެ 10 ވަނަ ދުވަހާއި ހަމަޔަށް ކުރިޔަށް ދާނެ އެވެ. މި ކޮންފަރެންސްގައި، މި ސަރަހައްދުގެ ގާނޫނު ހަދާ މަޖިލިސްތަކުގެ މަންދޫބުން އެއް ތަނަކަށް އެއްވެ، އެ މަޖިލިސްތަކުގެ މެދުގައި ހިޔާލު އެއްގޮތްކޮށް، ގުޅުން ބަދަހިކުރެއެވެ. މީގެ އިތުރުން، ދުނިޔެއާއި ސަރަހައްދީ މައްސަލަތަކާއި ގޮންޖެހުންތަކާ ކުރިމަތިލާނޭ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ އެވެ.
މި ކޮންފަރެންސްގައި، ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ނާޒިމް މިއަދު ދެއްކެވި ވާހަކައިގައި ހެޔޮވެރިކަމެއްގެ އަސާސީ ސިފަތަކުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. އެގޮތުން، ހާމަކަން ބޮޑުގޮތެއްގައި ކަންކަން ނިންމުމާއި ރައްޔިތުންނަށް ޖަވާބުދާރީވުމާއި މިނިވަން މީޑިއާގެ ވެއްޓެއް ދެމެހެއްޓުމާއި ޑިމޮކްރެޓިކް އުސޫލުތައް ނެގެހެއްޓުމުގެ މުހިންމުކަން ފާހަގަކުރައްވައި، މިކަންކަން ދެމެހެއްޓުމަށް މެންބަރު ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކުގެ މެންބަރުންނަށް ގޮވާލެއްވިއެވެ. މީގެ އިތުރުން މުއައްސަސާތަކުގެ ނަޒާހަތްތެރިކަން ވަރުގަދަކޮށް މިނިވަންކަމާއެކު މައުލޫމާތު ބަދަލުކުރުމުގެ މުހިންމުކަމާއި މަޝްވަރާއަށް ފުރުސަތު ދިނުމުގެ މުހިންމުކަން ފާހަގަކުރައްވައި އެކަމަށް ހާއްސަ އަހަމިއްޔަތުކަމެއް ދެއްވުމަށް ވެސް ނާޒިމް އިލްތިމާސްކުރެއްވިއެވެ.
"މި ކޮންފަރެންސުން ލިބޭ ފުރުސަތުގެ ބޭނުން ހިފައި ގާނޫނު ހަދާ މެންބަރުންގެ ގޮތުގައި އަޅުގަނޑުމެންގެ ތަޖުރިބާ ހިއްސާކޮށް ގައުމުތަކުގެ މުއައްސަސާތައް ވަރުގަދަކޮށް، މީޑިއާގެ މިނިވަންކަން ކަށަވަރުކޮށް ހެޔޮވެރިކަމެއް ގާއިމުކުރުމަށް ބޭނުންވާ ހައްލުތައް ހޯދުމަށް މަސައްކަތް ކުރުމަށް ހިންގަވާ! މި ކޮންފަރެންސްގައި އަޅުގަނޑުމެން ކުރާ މަޝްވަރާތަކުން އުފެދޭނެ މާނަވީ ބަދަލުތަކަކީ އަޅުގަނޑުމެންގެ އަމިއްލަ ގައުމުތަކަށް އެކަނި އަސަރުކުރާނެ ބަދަލުތަކެއް ނޫން. މުޅި ސަރަހައްދަށްވެސް އޭގެ ހެޔޮ އަސަރުކު ފޯރާނެކަން ޔަގީން." ނާޒިމްގެ ތަގުރީރުގައި ވިދާޅުވި އެވެ.
ނާޒިމް ފާހަގަކުރެއްވި ގޮތުގައި، ސިޔާސީ މައިދާނުގައި ދޮގު މައުލޫމާތު ފެތުރުމާއި ޑިކޮމްރެޓިކް އުސޫލުތައް ނެގެހެއްޓުމަށް ގޮންޖެހުންތައް ކުރިމަތިވެފައިވަނީ ކަންބޮޑުވާން ޖެހޭ މިންވަރަކަށެވެ. މިކަންކަމާ ކުރިމަތިލުމަށް ޖަމާއަތުގެ ފެންވަރުގައި ފިޔަވަޅު އެޅުމަށް ނާޒިމް ގޮވާލެއްވިއެވެ. މީގެ އިތުރުން، ސަރަހައްދީ ގައުމުތަކަށް ކުރިމަތިވެފައިވާ އިގުތިސޯދީ ފަރަގުތަކާއި ސަލާމަތީ ނުރައްކާތަކާއި ނިރުބަވެރިކަމާއި ދޮގު މައުލޫމާތު ފެތުރުމާއި ބައިނަލްއަގުވާމީ ގުޅުންތަކުގެ ސަބަބުން ހެޔޮވެރިކަމަށް ކުރާ އަސަރާއި ކުރިމަތިވާ ގޮންޖެހުންތަކުގެ މައްޗަށްވެސް ނާޒިމްގެ ތަގުރީރުގައި އަލިއަޅުއްވައިލެއްވިއެވެ.
"މިއަދުގެ ދުނިޔޭގެ ސިޔާސީ، އިގްތިސޯދީ އަދި އިޖުތިމާއީ ގޮންޖެހުން ތަކަކީ، ގައުމީ އިންތައް ފަހަނައަޅައި ބަވަނަ ވެފައިވާ ބައިނަލްއަގުވާމީ މުޖުތަމައާ ގުޅިލާމެހިފައިވާ މައްސަލަތަކެއް. މިފަދަ ހާލަތެއްގައި އެއްވެސް ގައުމަކުން އެކަހެރި ސިޔާސަތެއް ގެންގުޅުމަކީ އެކަށީގެންވާ ހައްލެއް ނޫން. އަޅުގަނޑުމެންނަށް މިވަގުތު ކުރިމަތިވެފައިވާ ޒިންމާއަކީ މަޝްވަރާގެ މަގު ތަނަވަސްކޮށް، ބައިނަލްއަގުވާމީ ބައިވެރިވުން އިތުރުކޮށް، ފަހި މުސްތަގުބަލަކާއި ފުރިހަމަ މުޖުތަމައެއް ބިނާކުރުމަށް ގުޅިގެން މަސައްކަތް ކުރުން." ނާޒިމް ވިދާޅުވި އެވެ.
މި ކޮންފަރެންސް އިފްތިތާހުކޮށްދެއްވީ، ޕަންޖާބުގެ ޗީފް މިނިސްޓަރު، މަރިޔަމް ނަވާޒް ޝަރީފެވެ. މި ކޮންފަރެންސްގައި، ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް، ސަރުދާރު އަޔާޒް ޞާދިޤާއި ޕަންޖާބުގެ ސަރަހައްދީ ގާނޫނު ހަދާ މަޖިލީހުގެ ރައީސް، މާލިކު މުހައްމަދު އަހުމަދު ޚާން ބައިވެރިވެވަޑައިގަންނަވައެވެ. މީގެ އިތުރުން ޒެމްބިއާ، މެލޭޝިއާ އަދި ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސުންނާއި އެހެނިހެން މެންބަރު ގައުމުތަކުގެ މަޖިލިސް މެންބަރުންނާއި މަތީ ފެންވަރުގެ މަންދޫބުން މި ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު