މިދިޔަ އަހަރަށް ފާސްކުރި 53.1 ބިލިއަން ރުފިޔާގެ ބަޖެޓް ހަރަދުކުރި ގޮތުގެ ބައެއް ތަފުސީލުތައް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހަށް މިއަދު ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، 53.1 ބިލިއަން ރުފިޔާގެ ބަޖެޓުގެ 34.8 ބިލިއަން ރުފިޔާ ހަރަދު ކުރީ ރިކަރަންޓް ހަރަދަށް ކަމަށެވެ. އޭގެ ތެރެއިން 13.6 ބިލިއަން ރުފިޔާއަކީ ދައުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރައާއި ޕެންޝަނަށް ހަރަދުވި ފައިސާ ކަމަށާއި އަދި 4.7 ބިލިއަން ރުފިޔާއަކީ ރިކަރަންޓް ހަރަދުގެ އިންޓްރެސްޓަށް ހަރަދުވި ފައިސާ ކަމަށް ވިދާޅުވި އެވެ.

ރިކަރަންޓް ހަރަދުގެ ތެރެއިން އެކިކަހަލަ ގްރާންޓްތަކާއި ސަބްސިޑީއަށް 10.5 ބިލިއަން ރުފިޔާ ހރަދުވި އިރު، އޮޕަރޭޝަނަލް ހިދުމަތްތައް ފަދަ ކަންކަމަށް ހަ ބިލިއަން ރުފިޔާ އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި 18.3 ބިލިއަން ރުފިޔާ ހަރަދުވި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، 11.4 ބިލިއަން ރުފިޔާ ހަރަދުވީ ޕީއެސްއައިޕީ މަޝްރޫއުތައް ހިންގުމަށް ކަމަށެވެ. އަދި ޕްރިންސިޕަލް ލޯން ރިޕޭމަންޓްތަކަށް 2.3 ބިލިއަން، އިންވެސްޓްމަންޓްތަކަށް 2.1 ބިލިއަން ހަރަދުކުރި އިރު، 1.8 ބިލިއަން ރުފިޔާ ހަރަދުކުރީ ކެޕިޓަލް އާލާތްތަކާއި އެފަދަ އެހެނިހެން ތަކެއްޗަށް ކަމަށްވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ 0.7 ބިލިއަން ރުފިޔާ ލޯން ދިނުމަށް ހަރަދުކޮށްފައިވާ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، 17 ނޮވެމްބަރު 2023ގެ ކުރިން ނަގާފައިވާ ލޯނުތައް ދެއްކުމަށް މިދިޔަ އަހަރުގެ ބަޖެޓުން 3.9 ބިލިއަން ރުފިޔާ ދެއްކި ކަމަށާއި އަދި އެތެރޭގެ ދަރަނި ދެއްކުމަށް 3.1 ބިލިއަން ރުފިޔާ ހަރަދުކުރި ކަމަށެވެ.

އޭގެ އިތުރުން ސަރުކާރުން އެކިއެކި މަސައްކަތްތައް ކުރުމަށް އަމިއްލަ ފަރާތްތަކާއި ކުންފުނިތަކާ ހަދާފައިވާ އެގްރީމަންޓްތަކުގެ ދަށުން ލޯކަލް ވެންޑަރުން ހުށަހަޅާފައިވާ ބިލުތަކަށް 6.4 ބިލިއަން ރުފިޔާ ދެއްކި ކަމަށްވެސް ވިދާޅުވި އެވެ.