އާސަންދައަށް ދައުލަތުން ކުރި ހޭދަ ކުޑަކުރެވި އެގޮތުގައި ހިފެހެއްޓިފައިވީ ނަމަވެސް ސަބްސިޑީއަށް ކުރި ހަރަދު 175 މިލިއަން ރުފިޔާއިން މައްޗަށް އަރާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ކޮންމެ ހަފުތާއަކު ސަރުކާރަށް ލިބޭ އާމްދަނީ އާއި ކުރާ ހަރަދުގެ ރިޕޯޓުގައިވާ ގޮތުން 23 ޖަނަވަރީގެ ނިޔަލަށް އާސަންދައަށް ހަރަދުކޮށްފައިވަނީ 63 މިލިއަން ރުފިޔާއެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ކުރި ހަރަދަށްވުރެ 43 ޕަސެންޓް ދަށްވުމެކެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި އާސަންދައަށް 110 މިލިއަން ރުފިޔާ ހަރަދުކުރިއެވެ.

މި އަހަރަށް ފާސްކޮށްފައިވާ 56.6 ބިލިއަން ރުފިޔާގެ ބަޖެޓުގައި އާސަންދައަށް ކަނޑައަޅާފައިވަނީ 1.8 ބިލިއަން ރުފިޔާއެވެ.

އާސަންދައަށް ކުރި ހަރަދު ދަށްވި ނަމަވެސް ސަބްސިޑީ ކުރި ހަރަދު މިދިޔަ އަހަރުގެ ޖަނަވަރީ 23 ވަނަ ދުވަހުގެ ނިޔަލަށް ވަނީ 250 ޕަސެންޓް އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ އެ މުއްދަތުގައި ސަބްސިޑީއަށް 50 މިލިއަން ހަރަދުކުރި އިރު، މި އަހަރުގެ އެ މުއްދަތުގައި ހަރަދުކޮށްފައިވަނީ 176 މިލިއަން ރުފިޔާއެވެ.

ސަބްސިޑީ އާއި ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް މުހިއްމު ފިޔަވަޅުތަކެއް އަޅަން ބަޖެޓުގައި ފާހަގަކޮށްފައި އޮތް ނަމަވެސް، ސަބްސިޑީއެއް، އާސަންދަ އަދި ރިޓަޔަމަންޓް ޕެންޝަނެއް ވެސް ނުކަނޑަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވައިފައެވެ. އެގޮތަށް ނިންމާފައިވާކަން ރައީސް އިއުލާން ކުރެއްވީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ.