ދަރުމަވަންތަ ކޮސްޕިޓަލްގެ 25 ބުރީގެ އިމާރާތް ހެދި ކުންފުންޏަށް 227،560 ރުފިޔާ ދޭން ދައުލަތް (މިނިސްޓްރީ އޮފް ފިނޭންސް އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް)ގެ މައްޗަށް ސިވިލްކޯޓުން ކުރި ހުކުމް ތަންފީޒު ނުކޮށް މަޑުޖައްސާލަން ހައިކޯޓުން އަމުރު ކޮށްފިއެވެ.
އައިޖީއެމްއެޗްގައި 25 ބުރީގެ އިމާރާތެއް ހެދުމަށްޓަކައި އެކެއް މާޗް 2016 ގައި ދިވެހި ދައުލަތާއި ޗައިނާގެ ޗަންގް ހުއާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ދެމެދު ސޮއިކުރި އެއްބަސްވުމުގައި ކޮންޓްރެކްޓް އަގު ކަމަށް ހިމަނާފައިވާ 140 މިލިޔަން ޑޮލަރަކީ ޖީއެސްޓީ ނުހިމެނޭ ގޮތަށް އެ ޕްރޮޖެކްގެ އަގުކަމަށް ވަނީ ކަނޑައަޅައިފައެވެ.
އެ ޕްރޮޖެކްޓާ ގުޅިގެން މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް، ޗަންގް ހުވާއިން ދިވެހި ދައުލަތަށް ދައްކަން ޖެހޭ ޖީއެސްޓީއަކީ ދިވެހި ދައުލަތުން ޒިންމާވާން ޖެހޭ ފައިސާއެއްކަމަށް ކަނޑައަޅައި ޗަންގް ހުވާއިން 20 މާޗް 2024 ގެ ނިޔަލަށް މީރާއަށް ދައްކާފައިވާ ޖީއެސްޓީގެ އަދަދުގެ ތެރެއިން ދައުލަތުން ޗަންގް ހުވާއަށް ދައްކަން ޖެހި ނުދައްކައި އޮތް 227،560 ރުފިޔާއަކީ ދައުލަތުން ދައްކަން ޖެހޭ ފައިސާއެއް ކަމަށް ކަނޑައަޅައި، މި މައްސަލައިގެ ހުކުމްކުރި ތާރީހު ކަމަށްވާ 20 މާޗް 2024 އިން ފެށިގެން އެއްމަސްދުވަހުގެ ތެރޭގައި އެ ފަައިސާ ޗަންގް ހުވާއަށް ދައްކަައި ހަލާސް ކުރުމަށް ސިވިލްކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
މި މައްސަލައަކީ ކޯޓުގެ ހުކުމާ އެއްގޮތަށް ދައުލަތުން ފައިސާ ދައްކާފައި ނުވާތީ، އެ ހުކުމް ތަންފީޒުކޮށްދިނުމަށް އެދި، ޗަންގް ހުވާއިން 22 ޑިސެމްބަރު 2024 ގައި ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.
މި މައްސަލައާ ގުޅިގެން އިއްޔެ ސިވިލް ކޯޓުން ނިންމި ނިންމުމުގައި ވަނީ، ޗަންގް ހުވާއިން ހުށަހެޅި ތަންފީޒީ މައްސަލަ ކުރިއަށް ދަނިކޮށް، ދައުލަތުން އެ މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އެއާ އެކު ވަގުތީ އަމުރަކަށްވެސް ދައުލަތުން އެދިފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން މި މައްސަލައިގައި ސިވިލް ކޯޓުން ކޮށްފަވާ ހުކުމް ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ހައިކޯޓުން ސިވިލްކޯޓަށް އަމުރު ކޮށްފައިވާތީ މި މައްސަލަ ކުރިއަށް ގެންދެވޭނެ ތަނެއް ނެތްކަމަށް ސިވިލްކޯޓުން ވަނީ ކަނޑައަޅަިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު