ފ. މަގޫދޫ އެއާޕޯޓު ތަރައްގީގެ މަޝްރޫއުގެ ދަށުން، ރަންވޭގައި އޭބީސީ އެޅުމުގެ 56 އިންސައްތަ މަސައްކަތް ނިންމައިފިއެވެ.

އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީން މިއަދު ބުނީ މަގޫދޫ އެއާޕޯޓް ތަރައްގީގެ މަޝްރޫއުގެ ދަށުން، ޓާމިނަލް ބިލްޑިން އިމާރާތްކުރުމުގެ 53 އިންސައްތަ މަސައްކަތް މިހާރު ފުރިހަމަކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން، ފަޔާ ބިލްޑިން އިމާރާތްކުރުމުގެ 24 އިންސައްތަ މަސައްކަތްވެސް ނިންމާފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.

ފ. މަގޫދޫ އެއާޕޯޓު، ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރުއޭސީ)އާ ހަވާލުކުރީ 2023 ނޮވެމްބަރު 14 ގައެވެ.

މަގޫދޫ އެއާޕޯޓުގެ މަސަައްކަތް 231.5 މިލިއަން ރުފިޔާއަށް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 19 އޮކްޓޯބަރު 2022 ގައެވެ. އެއާޕޯޓުގެ މަސައްކަތް ނިންމަން ދީފައިވަނީ 550 ދުވަހެވެ.

އެންމެ ފުރަތަމަ އެ އެއާޕޯޓުގައި އަޅަން ނިންމީ 1،200 މީޓަރުގެ ރަންވޭއެކެވެ. ނަމަވެސް އެ އެއާޕޯޓަށް ޕްރައިވެޓް ޖެޓުވެސް ޖެއްސޭނެ ގޮތަށް، 1،800 މީޓަރުގެ ރަންވޭއެއް އެޅުމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފަހުން ނިންްމެވިއެވެ.

އެ ރަންވޭ ބޮޑުކުރުމުގެ މަސައްކަތާއި އެއާޕޯޓުގެ ފަޔާ ބިލްޑިންގެ މަސައްކަތާއި ޕެސެންޖާ ޓާމިނަލް ސްޓްރަކްޗާގެ މަސައްކަތްވެސް ނިންމައި ފިނިޝިންގެ ފެށީ 2023ގެ ނޮވެމްބަރުގައެވެ. އަދި ޖެޓުތައް ޕާކުކުރެވޭނެ ޕާކިން ސަރަހައްދަކާއި ޖެޓް ފިއުލް ފާމެއް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްގެންދަން ނިންމާފައިވެއެވެ.

އޭގެ އިތުރުންވެސް ޖެޓުތަކުގައި އަންނަ ކްރޫއިން މަޑުކުރެވޭނެ ހޮޓަލެއް އެއާޕޯޓާއެކު ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްގެންދާ ގޮތަށް ވަނީ ނިންމައިފައެވެ.