އަމިއްލަ ގޯތީގެ ބަދަލު ހޯދަން ދިވެހި ދައުލަތަށް ރައްދުވާގޮތަށް، މީހަކު ކުރި ދައުވާގައި، ޝަރީއަތުގެ ހަރަދުގެ ގޮތުގައި 50،000 ރުފިޔާ ދޭން ހައުސިން މިނިސްޓްރީގެ މައްޗަށް ސިވިލްކޯޓުން ކުރި އަމުރު ހުއްޓުވަން ހައިކޯޓުން ވަގުތީ އަމުރެއް ނެރެފިއެވެ.
މި މައްސަލައަކީ، ދައުލަތުން ކުރިއަށްގެންދިޔަ އާބާދީ އާއި ތަރައްގީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ހއ. ބެރިންމަދޫ ރައްޔިތުން އެ އަތޮޅު ހޯރަފުއްޓަށް ބަދަލު ކުރުމުގައި ހޯރަފުށީ ޝައިނީ ހުސެއިން އަފީފް އަބުދުﷲ ގެ ނަމުގައި ރަޖިސްޓްރީ ކޮށްދީފައިވާ، ބެރިންމަދޫ ޕިންކް ރޯސް ގޭގެ ބަދަލު އަފީފަށް ލިބިދީފައި ނުވާތީ، އެ ގޭގެ ބަދަލު ހޯދުމަށާއި، ގޯއްޗެއް ނެތި ކުއްޔަށް ދިރިއުޅެން ޖެހުމުގެ ސަބަބުން ކުލީގެ ގޮތުގައި ދައްކާފައިވާ ފައިސާގެ ޖުމުލަ 2.4 މިލިޔަން ރުފިޔާ އާއި ޝަރީއަތަށް އަންނަން ޖެހުމުގެ ސަބަބުން ގާނޫނީ ވަކީލަށް ހަރަދު ކުރަން ޖެހުނު 50،000 ރުފިޔާއާއެކު ޖުމުލަ 2.5 މިލިޔަން ރުފިޔާ ހޯދުމަށް އެދި ސިވިލްކޯޓުގައި ކުރި ދައުވާއެކެވެ.
މި މައްސަލަ ރައްދު ވަނީ ހައުސިން މިނިސްޓްރީ (ދައުލަތް) ގެ މައްޗަށެވެ.
މި މައްސަލައިގައި، ޕިންކް ރޯސްކިޔާ ގޭގެ ބަދަލުގައި 31 ޑިސެމްބަރު 2024 ގެ ކުރީން އަފީފަށް ގޯއްޗެއް ހަމަޖައްސައިދިނުމަށް ހޯރަފުށީ ކައުންސިލް އާއި ހައުސިން މިނިސްޓްރީގެ މައްޗަށް ސިވިލްކޯޓުން އަމުރުކުރިއެވެ. އަދި ޝަރީއަތުގެ ހަރަދުގެ ގޮތުގައި އަފީފުގެ ފަރާތުން ގާނޫނީ ވަކީލަށް ހަރަދު ކޮށްފައިވާ 50،000 ރުފިޔާ އަފީފަށް ލިބިދިނުމުގެ ގޮތުން، 11 އޮގަސްޓް 2024ގެ ކުރިން މި ފައިސާ ސިވިލް ކޯޓަށް ދައްކައި ހަލާސްކުރުމަށް ހައުސިން މިނިސްޓްރީ (ދިވެހި ދައުލަތް) ގެ މައްޗަށް 28 ޖުލައި 2024 ގައި ސިވިލްކޯޓުން އަމުރުކުރިއެވެ.
ނަމަވެސް ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދަން އަފީފު އެދުނު 2.4 މިލިޔަން ރުފިޔާ ނަގައިދެވެން ނެތް ކަމަށްވެސް ހުކުމްކުރިއެވެ.
މި މައްސަލަ ހައުސިން މިނިސްޓްރީގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. އަދި ހައިކޯޓުން މައްސަލަ ނިމުމުގެ ކުރީން ސިވިލްކޯޓުން ކޮށްފައިވާ އަމުރުގެ ތެރެއިން 50،000 ރުފިޔާ ދައްކަން އޮތް ބައި ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރަކަށް އެދުނެވެ.
އެހެންކަމުން ހައިކޯޓުން މައްސަލަ ނިމެންދެން ނުވަތަ، އެ ފައިސާއާ މެދު އަމަލު ކުރާނެ ވަކި ގޮތެއް ހައިކޯޓުން އަންގަންދެން އެފައިސާ އެއްވެސް ފަރާތަކަށް ދޫނުކުރުމަށް ހައިކޯޓުން އިއްޔެ ވަނީ އަމުރު ކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު