މިމަހު އެއްވަނަ ދުވަހު ބުރިޖު ހައިވޭގައި އެކްސިޑެންޓުވި މީހާ ވެއްޓިފައިފައި އޮއްވާ އޭނާގެ ގައިމަތީން ބާރު ސްޕީޑުގައި ސައިކަލެއް ދިޔަ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެއްޖެއެވެ.

މި އެކްސިޑޭންޓް ވީ ދުވަހު ފުލުހުން ބުނެފައިވަނީ އެ ރޭ 8:19 ހާއިރު ހުޅުމާލެއިން މާލެއަށް އަންނަ ލޭންގެ ސޯލާ ޕެނަލްތައް ކައިރީ މަސައްކަތް ކުރާކަން އަންގައިދޭން ބަހައްޓާފައި ހުރި ކޯނެއްގައި ސައިކަލެއް ޖެހި އެކްސިޑެންޓް ވެފައިވާ ކަމަށެވެ. އެ އެކްސިޑެންޓުގައި އަނިޔާވި މީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަނިކޮށް 9:05 ހާއިރު މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މަރުވެފައިވަނީ ބަންގްލަދޭޝްގެ ފިރިހެނެއް ކަމަށެވެ.

ނަމަވެސް އިއްޔެ އާންމުވި އެ އެކްސިޑެންޓުގެ ވީޑިއޯއަކުން ފެންނަނީ ބަންގުލަދޭޝް އެ ފިރިހެން މީހާ ހައިވޭ މައްޗަށް ވެއްޓިފައި އޮތް ވަގުތު ބާރަށް ދުއްވައިފައިދިޔަ ސައިކަލެއް އޭނާގެ ހަށިގަނޑު މަތިންދާ މަންޒަރެވެ. އެއީ އެކްސިޑެންޓުވި މީހާ ވެއްޓުނު ވަގުތަށް ބަލާ ނަމަ، ގާތްގަނޑަކަށް ދެތިން ސިކުންތުގެ ތެރޭގައި ހިނގި ކަމެއްކަން ވީޑިއޯ ބެލުމުން އެނގެއެވެ.

އެކްސިޑެންޓުގައި އަނިޔާވުމުގެ ސަބަބުން ވެއްޓިފައި އޮތް މީހާގެ ގައިމަތީން ދުއްވައިފައިދިޔަ އެ ސައިކަލް މަޑުކުރާ މަންޒަރެއް ވީޑިއޯއަކުން ނުފެނެއެވެ.

މަރުވި މީހާގެ ގައިމަތިން ސައިކަލެއް ދިޔަކަން ފުލުހުން މީޑިއާތަކާ ހިއްސާކޮށްފައެއްވެސް ނުވެއެވެ.

އެ ވީޑިއޯ އާންމުވިފަހުން ފުލުހުން މިއަދު ބުނީ އެ އެކްސިޑެންޓާ ގުޅިގެން 60 އަހަރުގެ ދިވެހި އަންހެނަކާ ސުވާލުކޮށް، އޭނާގެ ސައިކަލް ފުލުހުން ޓޯކޮށްފައިވާ ކަމަށެވެ. އަދި ލައިސަންސް ވެސް ހިފަހައްޓައިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

"މި އެކްސިޑެންޓާ ގުޅިގެން 60 އަހަރުގެ ދިވެހި އަންހެނަކާ ވަނީ ސުވާލުކޮށްފަ. އަދި އޭނާގެ ލައިސަންސް ހިފަހައްޓައި އޭނާ ދުއްވި ސައިކަލް ވަނީ ޓޯ ކޮށްފަ" ފުލުހުން މިއަދު ބުންޏެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓުގެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް 60 އަހަރުގެ އެ އަންހެން މީހާއަކީ މަރުވި ބިދޭސީ މީހާގެ ހަށިގަނޑު މަތިން ސައިކަލް ދުއްވި މީހާކަން ފުލުހުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.