ސައްހަ ވިސާއެއް ނެތި ރާއްޖޭގައި އުޅެމުންދިޔަ ދިހަ ބިދޭސީއަކު އަތުލައިގެންފިއެވެ.

އިމިގްރޭޝަނުން މިއަދު ބުނީ އިމިގްރޭޝަން ވޮޗަށް ލިބިފައިވާ މައުލޫމާތަކާ ގުޅިގެން، އިއްޔެ ކުރިއަށްގެންދިޔަ ރެއިޑު އޮޕަރޭޝަންގައި ގިނަ އަދަދެއްގެ ބިދޭސީން އުޅެމުންދިޔަ އެކޮމޮޑޭޝަން ބްލޮކެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އެގޮތުން ސައްހަ ވިސާއެއް ނެތި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ހަތް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެ އިދާރާ އިން ބުންޏެވެ.

އޭގެ އިތުރުން މިއަދު ހަވީރު ކުރިއަށްގެންދިޔަ ރެއިޑު އޮޕަރޭޝަނެއްގައި މާލޭގައި ހިންގަމުންދާ ހަތަރު ކެފޭއެއް ބަލައި ފާސްކޮށްފައިވާ ކަމަށާއި އަދި ސައްހަ ވިސާއެއް ނެތި އެ ތަންތަނުގައި މަސައްކަތްކުރި ތިން ބިދޭސީން އަތުލައިގެންފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން އިމިގްރޭޝަނުން މާލެ ސަރަހައްދުގައި ކުރިއަށްގެންދާ އޮޕަރޭޝަންތަކުގެ ތެރެއިން މިދިޔަ އަހަރު އެކަނިވެސް 5،000 އަށްވުރެ ގިނަ ބިދޭސީން ވަނީ ޑިޕޯޓްކޮށްފައެވެ.