ރައްޔިތުންގެ މަޖިލީހުގެ މާމިމިގިލީ ދާއިރާގެ މެންބަރު އަދި ރާއްޖޭގެ އެންމެ ކާމިޔާބު އެއް ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ހަޔާތްޕުޅުގެ މައްޗަށް ލިޔެފައިވާ ބަޔޮގްރަފީ ފޮތް ނެރުމަށް ތައްޔާރުވެއްޖެއެވެ.
މި ފޮތް ނެރުމަށް ހަމަޖެހިފައިވަނީ ވިލާ ކޮލެޖުގައި އަންނަ ހަފުތާގެ ހޯމަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމިއްޔާތުގައެވެ.
ގާސިމްގެ ބަޔޮގްރަފީ ލިޔުއްވާފައިވަނީ ތަޖުރިބާކާރު ނޫސްވެރިޔާ އަދި ލިޔުންތެރިޔާ މުހައްމަދު ޖަމީލެވެ. ޖަމީލު ވަނީ މީގެ ކުރިންވެސް ދެ ބަޔޮގްރަފީއެއް ލިޔުއްވައިފައެވެ. އެއީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ބަޔޯގްރަފީ "އިންސާފު" އާއި ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީން ދީދީގެ ވެރިކަން އިންގިލާބުކޮށްލި ހާދިސާގެ މައްޗަށް ލިޔުއްވާފައިވާ "އޯކިޑް" އެވެ.
ހަތްސަތޭކަ އަށްވުރެ ގިނަ ސަފުހާގެ މައްޗަށް ޖަމީލް ލިޔުއްވާފައިވާ އެ ފޮތުގެ ހާޑްކަވަރު އެޑިޝަނުގެ އިތުރުން އޯޑިއޯ ބުކް އަދި ހާއްސަ ވެބްސައިޓެއް ވެސް އެރޭ އިފްތިތާހުކުރާނެއެވެ.
މީގެ އިތުރުން ގާސިމްގެ ހަޔާތްޕުޅު ކުރު ގޮތަކަށް ދައްކައިދޭ ފޮޓޯ މައުރަޒެއް އެރޭ ވިލާ ކޮލެޖުގައި ހުޅުވޭނެއެވެ. މި މައުރަޒަށް ޖެހިގެން އަންނަ އަންގާރަ ދުވަހުގެ ހެނދުނު 9:00 އިން ރޭގަނޑު 10:30 އަށް އާންމުންނަށް ވަދެވޭނެއެވެ. މައުރަޒަށް ޒިޔާރަތްކުރާ މީހުންނަށް ބައޯގްރަފީގެ ކޮޕީއެއް ހިލޭ ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.
އެ ފޮތުގައި ގާސިމްގެ ޒާތީ، ވިޔަފާރި، އަދި ސިޔާސީ ހަޔާތުގައި ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި މައިގަނޑު ހުރިހާ ކަމަކަށް އަލިއަޅުވާލާފައިވެއެވެ. އަދި އެ މަނިކުފާނުގެ ކާމިޔާބުތަކާއި ނާކާމިޔާބުތަކާއި ދަރުމަވެރި ހިދުމަތްތަކާއި ވިޔަފާރި އާއި އިޖުތިމާއީ ދައުރާއި އާއިލީ ދިރިއުޅުއްވުމާއި ސިޔާސީ ގޮތުން ދިވެހިރާއްޖެއަށް އައިސްފައިވާ ބޮޑެތި ބަދަލުތަކުގައި އެ މަނިކުފާނު ތަޖުރިބާ ކުރައްވަން ޖެހިވަޑައިގެންނެވި ކަންކަން ވެސް ވަރަށް ތަފްސީލީ ގޮތެއްގައި މި ފޮތުގައި ހިމަނުއްވާފައިވާނެއެވެ.
ގާސިމް އިބްރާހީމަކީ ރާއްޖޭގެ ވިޔަފާރީގެ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދިނުމުގައި އެންމެ އިސްދައުރެއް އަދާކުރެއްވި ބޭފުޅާއެވެ. ހާއްސަކޮށް ޓޫރިޒަމް ދާއިރާއަށް ގިނަ އިސްވެސްޓްތަކެއް ކޮށް އެ ދާއިރާ ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ.
ގާސިމް ވަނީ ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާއިން ވެސް އެތައް ބަޔަކަށް އެހީތެރިކަން ފޯރުކޮށްދެއްވައިފައެވެ. އެގޮތުން ސްކޮލާޝިޕްގެ ފުރުސަތުތައް ފަހިކޮށްދީ، ބޭސްފަރުވާއަށް ބޭނުންވާ ފަރާތްތަކަށް ގިނަ ހަރަދުތަކެއް ވެސް ގާސިމް ވަނީ ކުރައްވައިފައެވެ.
ރާއްޖޭގެ ސިޔާސީ ދާއިރާގައި ވެސް ގާސިމް ވަނީ ގިނަ ހިދުމަތްތަކެއް ކުރައްވައިފައެވެ. އެގޮތުން މިހާރު އަމަލުކުރަމުން އަންނަ ގާނޫނުއަސާސީ އެކުލަވާލި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ރައީސްކަމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގައި އެންމެ ގިނަ ދުވަހު މެންބަރުކަން ކުރެއްވި އެއް ބޭފުޅަކީ ވެސް ގާސިމެވެ.
އޭގެ އިތުރުން ރާއްޖޭގެ އެންމެ ބޮޑު އެއް ޕާޓީ، އެމްޑީޕީ އުފެއްދެވުމުގައި އެންމެ ފުރަތަމަ ސޮއިކުރެއްވި މީހުންގެ ތެރޭގައި ވެސް ގާސިމް ހިމެނިވަޑައިގަންނަވައެވެ. އޭގެފަހުން ޑީއާރްޕީގައި އުޅުއްވުމަށްފަހު އަމިއްލަ ޕާޓީ، ޖުމްހޫރީ ޕާޓީ އުފައްދަވައި އެ ޕާޓީގެ ލީޑަރުކަން ގެންދަވަނީ ފުރުއްވަމުންނެވެ.
ގާސިމް ވަނީ ސަރުކާރުގެ ގިނަ މަގާމުތަކެއް ވެސް ފުރުއްވައިފައެވެ. އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރުކަމާއި އެމްއެމްއޭގެ ގަވަރުނަރުކަން ކުރައްވައިފައެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވަނީ ހޯމް މިނިސްޓަރުކަން ކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު