އުތުރުގެ އަތޮޅެއްގެ ފަޅު ރަށަކަށް ކުދީންތަކެއް ގެންގޮސް އެ ކުދީންނަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ބަލަން ފަށައިފިއެވެ.

އެ ވުޒާރާގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ، އެ ފަދަ މައްސަލައެއް، އެ ވުޒާރާއާއި ފުލުހުން ގުޅިގެން ބަލަމުން އަންނަ ކަމަށާއި އެ މައްސަލައިގައި ހިމެނޭ ކުދީންނަށް ރައްކާތެރިކަން ކަށަވަރުކޮށްދީފައިވާ ކަމަށެވެ. އަދި އެ ކުދީންނަށް ބޭނުންވާ ސައިކޯސޯޝިއަލް ސްޕޯޓް ދެމުން އަންނަ ކަމަށެވެ.

އެ މައްސަލައަކީ ބަލަމުން އަންނަ މައްސަލައެއް ކަމަށްވާތީ އިތުރު ތަފްސީލެއް އޭނާ ނުދެއްވައެވެ.

އެ މައްސަލައާ ގުޅޭ ގޮތުން "ވަން" އިން ފުލުހުންގެ ބަހެއް ހޯދުމަށް ގުޅުމުން ފުލުހުންގެ މީޑިއާ އޮފިސަރަކު ވިދާޅުވީ، އެ މައްސަލައިގެ އެއްވެސް ތަފްސީލެއް މިވަގުތު އެ އިދާރާއިން ހާމަކުރެވެން ނެތް ކަމަށެވެ.

އެނގިފައިވާ ގޮތުގައި މި މައްސަލައަކީ ފިރިހެނަކު، ފިރިހެން ކުދީންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުވާ މައްސަލައެކެވެ.