މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ރޭގެ ވަގުތެއްގައި ވަކިކުރި މުހައްމަދު ވަޖީހު އިބްރާހިމް، ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވައި، އޭނާގެ ލީޑާޝިޕްގެ ދަށުން މާލޭ ކޮމާޝަލް ހާބަރު ތިލަފުއްޓަށް ބަދަލުކުރުމަށް ކުރަމުންދިޔަ މަސައްކަތްތައް ހާމަކުރައްވައިފިއެވެ.
އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް 28 ނޮވެމްބަރު 2023 ގައި ހަމަޖެއްސި ވަޖީހު އެ މަގާމުންނާއި އެމްޕީއެލްގެ ބޯޑު ޑިރެކްޓަރުކަމުގެ މަގާމުން ވަކިކުރިކަން އިއުލާންކުރީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އިއްޔެއެވެ.
ވަޖީހު ފޭސްބުކްގައި ކުރައްވާފައިވާ ޕޯސްޓެއްގައި މިއަދު ވިދާޅުވީ، އޭނާ ވަކިކުރުމުގެ އެއް ދުވަސް ކުރިން މާލޭ ކޮމާޝަލް ހާބަރު ތިލަފުއްޓަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެގޮތުން އެ މަސައްކަތަކީ އެމްޕީއެލްގެ އަމިއްލަ ފައިސާއާއި ކޮންޓްރެކްޓާ ފައިނޭންސްގެ ދަށުން ކުރިއަށް ގެންދާ، ބޭރުގެ އެއްވެސް ފަރާތެއްގެ އެއްވެސް ކޮންޓްރޯލެއް އަދި ހިއްސާއެއް ނޯންނާނެ ގޮތަށް 100 ޕަސެންޓް ދިވެހި ސަރުކާރުން ކޮންޓްރޯލްކޮށް ހިއްސާ އޮންނަ ގޮތަށް ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށް ވިދާޅުވިއެވެ.
ވަޖީހު ވިދާޅުވީ، އެ މަޝްރޫއުގައި މިހާރު ފެށިގެން ކުރިއަށްދަނީ، އިންޓަގްރޭޓެޑް ލޮޖިސްޓިކް އޭރިޔާގެ މަސައްކަތް ކަމަށާއި އެ މަސައްކަތް ނިމުމުން، މާލޭ ޕޯޓުގައި އޮތް ތޮއްޖެހުމަށް ލުޔެއް ލިބި، އޮޕަރޭޝަން އަވަސް ވެގެންދާނެ ކަމަށެވެ. އެ މަސައްކަތް ކުރިއަށް އޮތް ދެ މަސް ދުވަހު ތެރޭ ނިންމާލައި ހިދުމަތް ދެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ބަލްކު ކާގޯ ޓާމިނަލްގެ މަސައްކަތް ވަރަށް އަވަހަށް ފަށައި، މި އަހަރުގެ އޮކްޓޯބަރަށް ނިއްމާލެވޭނެކަން ފާހަގަކުރައްވައި ވަޖީހު ވިދާޅުވީ، އެ ޓާމިނަލުން ކޮންޓެއިނާ ބޯޓު ފަހަރަށްވެސް ހިދުމަތް ދެވޭނެ ކަމަށެވެ. އަމާޒަކީ 18 ގަޑިއިރާއި 36 ގަޑިއިރު ތެރޭ ކޮންޓެއިނަރު ބޯޓަށް ހިދުމަތްދީ ފުރުވާލުން ކަމަށާއި އޭރުން ކޮންޓެއިނާގެ ފްރައިޓަށް މިހާރު ނަގާ 1200 ވަރަކަށް ޑޮލަރު، 800 އާއި 900 ޑޮލަރާ ދެމެދުގެ އަދަދަކަށް ތިރިވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ވަޖީހު ވިދާޅުވި ގޮތުގައި އިންޓަނޭޝަނަލް ކޮންޓެއިނާ ޓާމިނަލްގެ މަސައްކަތްވެސް ނިމި މުޅި ޕޯޓް ރަސްމީކޮށް ހުޅުވަން ރާވާފައިވަނީ ރައީސް ޑރ. މުހައްމަދުގެ މުއިއްޒުގެ އިރުޝާދާ އެއްގޮތަށް 26 ޖުލައި 2027 ގައެވެ. އެކަން އެގޮތަށް ކުރިއަށް ގެންދެވޭ ގޮތަށް ހުރިހާ ކަންކަން ރޭވިފައިވާ ކަމަށާއި އެ ބަދަލާއެކު މާލޭ ނޯތު ޕޯޓާއި ޓީޖެޓީން ދޭ ހިމަތްތައްވެސް ތިލަފުށީ ޕޯޓަށް ބަދަލުކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑުގެ ދުއާއަކީ، ޕުލޭން ކުރެވިފައިވާ ގޮތަށް މާލޭ ކޮމާޝަލް ހާބަރު ތިލަފުށްޓަށް ބަދަލުކުރުމުގެ މަސައްކަތް، ކުރިއަށް ގެންދިއުމުގެ ފުރުސަތު الله ސުބުހާނަހޫ ވަތައާލާ ފަހިކޮށްދެއްވުމެވެ. އެމްޕީއެލް އަށާއި ދިވެހި ގައުމަށް ރޯޝަނީ މުސްތަގު ބަލެކެވެ،" ވަޖީހުގެ ޕޯސްޓު ނިންމަވައިލައްވަމުން ވިދާޅުވެފައިވެއެވެ.
ވަޖީހު މި ފަދަ ގޮތަކަށް ޕޯސްޓް ކުރެއްވި އިރު، ދާދި ފަހުން މަގާމުން ވަކުކުރި، ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވެސް ވަނީ ފޭސްބުކްގައި ޕޯސްޓެއް ކުރައްވައިފައެވެ. ފައިސަލްގެ ޕޯސްޓުގައިވެސް ފާހަގަކުރެއްވީ، މަގާމުގައި ހުންނެވިއިރު ކުރެއްވުނު ކާމިޔާބު މަސައްކަތްތަކެވެ.
ޚަބަރު
ޚަބަރު
ޚަބަރު