ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ އަދި މިނިސްޓްރީ އޮފް ޓޫރިޒަމް އެއްކޮށްލައްވައި މިނިސްޓަރަކަށް ތޯރިގު އިބްރާހީމް އައްޔަނުކުރައްވައިފިއެވެ.

އެ ދެ މިނިސްޓްރީ އެއްކޮށްލައްވައި، މިނިސްޓާ އޮފް ޓޫރިޒަމް، އެންޑް، އެންވަޔަރަންމަންޓްގެ މަގާމަށް ތޯރިގު އައްޔަން ކުރެއްވީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު ކަމަށް ތޯރިގު އައްޔަނުކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ ކުރިފުޅުމަތީގައި ތޯރިގު އިބްރާހީމް ވަނީ ހުވައިކުރައްވައިފައެވެ. އަދި މި ރަސްމިއްޔާތުގައި މިނިސްޓަރުކަމުގެ ލިޔުން ހަވާލުކުރެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.

މިނިސްޓާ އޮފް ޓޫރިޒަމް، އެންޑް، އެންވަޔަރަންމަންޓްގެ މަގާމަށް ތޯރިގު އިބްރާހީމް އައްޔަނުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެބޭފުޅާއާ ބައްދަލުކުރައްވައިފައެވެ. އެގޮތުން ތިމާވެއްޓާއި ފަތުރުވެރިކަން ގުޅުވައިގެން ރާއްޖެ އިޝްތިހާރުކުރެއްވުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ދެ މިނިސްޓްރީ އެއްކޮށްލައްވައި މިނިސްތަރުކަން ތޯރިގަށް ދެއްވާފައި މިވަނީ، މިދިޔަ މަހުގެ 28 ވަނަ ދުވަހު، ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމުގައި އޭރު ހުންނެވި އިބްރާހިމް ފައިސަލް ވަކި ކުރެއްވުމަށްފަހުގައެވެ.

ނަމަވެސް އޭނާ މަގާމުން ވަކި ކުރެއްވި ސަބަބެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.