ރ. އުނގޫފާރުން 15 މީހުން ގޮވައިގެން ށ. މިލަންދޫއަށް ދަތުރުކުރި ލޯންޗެއް ފަޅައިގެން ގޮސް ބަންޑުން ޖަހާލައިފިއެވެ.
އުނގޫފާރު ކައުންސިލުގެ ރައީސް އަބްދުﷲ ރަޝީދު، "ވަން" އަށް މިއަދު ވިދާޅުވީ މިލަންދޫ އާއި މާކަނޑޫދޫ ކައިރިން އެ ލޯންޗު ބަންޑުން ޖަހާލި ކަމަށް މައުލޫމާތު ލިބިފައިވަނީ މިއަދު ހަވީރު 5:30 ހާއިރު ކަމަށެވެ.
ލޯންޗު ބަންޑުން ޖަހާލީ ކުރިން ޕެޗު އަޅާފަ ހުރި ތަނެއް ފަޅައިގެން ގޮސް ދިޔަވާން ފެށުމުން އެންމެން އެއްފަޅިއަކަށް އެރުމުން ކަމަށްވެސް އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ބަންޑުން ޖަހާލި ލޯންޗުގައި ތިބި އެންމެން ސަލާމަތް ކުރީ މިލަންދޫން ލޯންޗެއް ފޮނުވައިގެން ކަމަށެވެ. އެ ހާދިސާގައި ޖިސްމާނީ ގޮތުން މީހަކަށް އަނިޔާއެއް ނުވި ނަމަވެސް ނަފުސާނީ ގޮތުން އަސަރުކޮށްގެން ހުރުމުން ތިން މީހަކަށް މިލަންދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
އަބްދުﷲ ރަޝީދު ވިދާޅުވީ، ބަންޑުން ޖަހާލި ލޯންޗު މިހާރު ކަފު ޖަހައިގެން މިލަންދޫއަށް ގެންގޮސްފައިވާ ކަމަށް އެ ރަށު ކައުންސިލުން މައުލޫމާތު ދީފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު