ރާއްޖޭގައި ބަލިތައް ގިނައީ، ކުޅިވަރު ނުކުޅުމާއި ކަސްރަތު ނުކުރެވުމުގެ ސަބަބުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު ބޮޑުތިލަދުންމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހއ. މޮޅަދޫއަށް މިއަދު ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވިދާޅުވީ، ކުޅިވަރު ކުޅޭނެ ތަންތަނާއި ފިޓްނެސް ސެންޓަރުތައް ހެދުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށެވެ.
ރައީސް ވިދާޅުވީ، ރާއްޖޭގައި ގިނައީ ދިރިއުޅުމުގެ އާދަކާދަތައް ހުންނަ ގޮތުން ޖެހޭ ބަލިތައް ކަމަށާއި އެއީ އެ ބަލިތަކުން ރައްކާތެރިވެވޭނެ ބަލިތަކެއް ކަމަށެވެ.
"އަޅުގަނޑުމެންގެ ތެރޭގައި ގިނައިން މި ފެތުރެނީ ލައިފްސްޓައިލް ޑިޒީސަސް، އަޅުގަނޑުމެންނަށް އެވޮއިޑް ކުރެވިދާނެ ބަލިތައް. ކުޅިވަރުކުޅުމާއި ކަސްރަތުކުރުމާއި މި ކަހަލަ ކަންކަން ނުކުރެވޭތީ ވާ ކަންކަން، ފެތުރޭ ބަލިތައް" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މޮޅަދޫގައި ޒުވާނުންގެ މަރުކަޒަކާއި އެ ރަށުގައި އަލަށް ފުޓްސަލް ދަނޑަކާއި ވޮލީ ކޯޓެއްވެސް ހަދައިދެއްވާނެ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ، މި އަހަރުގެ ބަޖެޓުގައި ސިއްހީ ދާއިރާ ހަރުދަނާކޮށް ކުރިއަރުވަން ހާއްސަ އިސްކަމެއް ދެއްވާފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު