މެރިޓައިމް ހިދުމަތްތަކާއި އިކޮނޮމިކް ސެކިއުރިޓީއަށް އަމާޒުކޮށްގެން، ރިއަލް އެސްޓޭޓް، ޓޫރިޒަމް އަދި އެހެނިހެން ވިޔަފާރިތައް ހިމެނޭގޮތަށް އިހަވަންދިއްޕޮޅުގައި ތަރައްގީކުރާ "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ" އިންޓަގްރޭޓަޑް މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރުގެ މެދުތެރޭގައި ފެށިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހއ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހޯރަފުއްޓަށް ވަޑައިގެން، މިރޭ އެ ރަށުގެ ރައްޔިތުންނާ ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގެ ނަމުގައި ފަށާފައި އެވާ މަޝްރޫއަކީ އިހަވަންދިއްޕޮޅަށް މި ސަރުކާރުން ކަނޑައަޅާފައިވާ މުހިންމު މަޝްރޫއެއް ކަމަށެވެ.
"އެކަމަށްޓަކައި ވަރަށް ބައިވަރު މަސައްކަތްތަކެއް މިހާރު ވެސް މިވަނީ ފެށިފައި. އިކޮނޮމިކް މިނިސްޓްރީން އެކަމާ ގުޅޭ ވަރަށް ގިނަ ކަންތައް ކެބިނެޓުގެ ނިންމުމާއި މަޝްވަރާތަކާ އެކީގައި އެދަނީ ކުރިއަށް. އަޅުގަނޑުމެންގެ އަންދާޒާއަކީ މިއަހަރުގެ މެދަކާ ހަމައަށްދާ އިރު، އަމަލީގޮތުން މަސައްކަތްތައް ފެށިގެންދާނެ އޭގެ ވަރަށް ގިނަ ކަންތައްތައް،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުރީ ސަރުކާރުން އެހެން ނަމެއް ކިޔާފައި އެ މަޝްރޫއު ކުރިއަށްގެންދަން މަސައްކަތްކުރި ގޮތަށް މިފަހަރު ކަންކަން ނުވާނެ ކަމަށާއި މި ސަރުކާރުން ކަންކަން ކުރާނީ ހަގީގީ މާނައިގައި ނަތީޖާ ނެރުމަށް ކަމަށެވެ.
"އެހެންވީމާ އިރާދަކުރެއްވިއްޔާ މި ސަރަހައްދަށް، މި ރަށަށް، މި އަތޮޅަށް، އަދި ޖުމުލަގޮތެއްގައި މުޅި ރާއްޖޭގެ އިގުތިސާދަށް ވަރަށް ބޮޑު ފައިދާއެއް ކުރާނެ މަޝްރޫއަކަށް އެ މަޝްރޫއު ވާނެކަމީ އަޅުގަނޑަށް ޔަގީންވާ ކަމެއް. އެހެންވީމާ އެކަން ވަރަށް ބާރު ސްޕީޑުގައި އަޅުގަނޑުމެން ކުރިއަށްގެންދާކަން އަޅުގަނޑު ފާހަގަކޮށްލަން،" އެ މަނިކުފާނު ވިދާޅުވިއެވެ.
އިހަވަންދިއްޕޮޅު ތަރައްގީކުރަން ސަރުކާރުން ގެންގުޅޭ ތަސައްވުރުގެ ދަށުން އެ ސަރަހައްދު ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)އެއްގެ ގޮތުގައި ކަނޑައަޅައި، "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ"ގެ ނަމުގައި ކުރިއަށްގެންދާ މަޝްރޫއުގެ މާސްޓާ ޑިވެލޮޕަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ މި ސަރުކާރުން އުފައްދާފައިވާ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯނު (އެމްއައިޑީއެފްޒެޑް)އެވެ. އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކުރީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު "ވަން" އަށް މީގެ ކުރިން ވިދާޅުވެފައިވަނީ، ޓްރާންޝިޕްމެންޓާއި ރީއެކްސްޕޯޓްގެ ވިޔަފާރިއަށް އެމްއައިޑީއެފްޒެޑް ކުންފުނި އުފެއްދުމަށް ސަރުކާރުން ނިންމީ ރާއްޖޭގެ އިގުތިސޯދު ރައްކާތެރިކޮށް، ރާއްޖޭގެ އިގުތިސޯދު ސިންދަފާތުކުރުމަށް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު