ދެކުނު ސޫދާނުގައި ފްލައިޓެއް ވެއްޓި 20 މީހަކު މަރުވެއްޖެއެވެ.

ދެކުނު ސޫދާންގެ ޔުނިޓީ ސްޓޭޓުގައި ހުންނަ ތެޔޮ ރައްކާކުރާ ކާރުހާނާއަކުން މީހުން ގޮވައިގެން ވެރިރަށް ޖޫބާއަށް އިއްޔެ ދަތުރުކުރި ކުޑަކުޑަ އެ ފްލައިޓު ވެއްޓިފައިވާއިރު އެއިން ދަތުރުކުރި އެކަކު ސަލާމަތް ވެފައިވާކަމަށް އޮފިޝަލުން ބުނެއެވެ.

މި ފްލައިޓުން ދަތުރުކޮށްފައި ވަނީ ތެޔޮ ކާރުހާނާގައި މަސައްކަތް ކުރާ މީހުން ކަމަށާއި މަރުވި މީހުންގެ ތެރޭގައި ޗައިނާގެ ދެ މީހަކާއި އިންޑިއާ އެކަކު ހިމެނޭކަމަށް އޮފިޝަލުން ބުނެއެވެ.

ޔުނިޓީ ސްޓޭޓުގެ އިންފޮމޭޝަން މިނިސްޓަރު، ގެޓްވިޗް ބިޕާލް އާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ވަނީ މި ހާދިސާގެ ތަހުގީގު ވަރަށް ބާރަށް ކުރިޔަށް އެބަދާ ކަމަށް ބުނެފައެވެ.

ދާހިލީ ހަނގުރާމައެއް ކުރަމުންދާ ދެކުނު ސޫދާނުގައި 2015 ވަނަ އަހަރުވެސް ކާގޯ ފްލައިޓެއް ވެއްޓި އެއިން ދަތުރުކުރި އެންމެން މަރުވެފައިވެއެވެ. އަދި 2018 ވަނަ އަހަރު 19 މީހުން ދަތުރުކުރި ކުޑަ ފްލައިޓެއް ވެއްޓި އެންމެން މަރުވެފައިވާކަމަށް ރިޕޯޓުތައް ބުނެެއެވެ.