ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުން، ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރުއާރު) ފުރަތަމަ ފަހަރަށް ފުވައްމުލައް ސިޓީގައި ބޭއްވުމަށް ނިންމައި، އެކަން ދިރާގުން މިއަދު އިއުލާންކޮށްފިއެވެ.
ދިރާގުން ބުނީ، ފުވައްމުލަކު ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ގުޅިގެން ބާއްވާ އެ ތާރީހީ ދުވުން، 'ދިރާގު ފުވައްމުލައް ރަން' ބާއްވަން ހަމަޖެހިފައިވަނީ 2 މެއި 2025 ގައި ކަމަށެވެ. އެ ދުވުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އަންނަ ފެބްރުއަރީ މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި dmrr.mv މެދުވެރިކޮށް ހުޅުވާލުމަށް ދިރާގުން ދަނީ ތައްޔާރުވަމުންނެވެ.
'ދިރާގު ފުވައްމުލައް ރަން' ލޯންޗުކުރުމަށް މިއަދު ފުވައްމުލަކު ސިޓީގައި ބޭއްވި ހާއްސަ ހަފުލާގައި ވާހަކަދައްކަވަމުން ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރު، އަލީ ރިޔާޒް ވިދާޅުވީ މިއީ، ޑީއެމްއާރުއާރު މާލޭން ބޭރުގައި ބާއްވާ ފުރަތަމަ ފަހަރު ކަމަށާއި އެއީ އެ ދުވުމަށް ލިބިގެންދާ އިތުރު ކުރިއެރުމެއް ކަމަށެވެ.
"ފުވައްމުލަކުގެ ތަފާތު ގުދުރަތީ ރީތިކަމާއި ކުލަގަދަ ސަގާފަތާއި ހޫނު މެހެމާންދާރީ ތަޖުރިބާ ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ އިތުރުން، ބައިނަލްއަގުވާމީ ގޮތުން ސަޓިފައިޑް ރޫޓެއްގައި ދުވުމުގެ މަގު ފަހިކޮށްދިނުމަކީ އަޅުގަނޑުމެން ފަހުރުވެރިވާ ކަމެއް. މީގެ އިތުރުން، މި އިވެންޓްގެ ސަބަބުން ފުވައްމުލަކަކީ ދުވުންތެރިންނަށް ހާއްސަ މަންޒިލެއްގެ ގޮތުގައި މުޅި ދުނިޔެއަށް މަޝްއޫރުވެގެންދާނެ،" ރިޔާޒު ވިދާޅުވިއެވެ.
ފުވައްމުލަކު ސިޓީގެ މޭޔަރު، އިސްމާއިލް ރަފީގު ވިދާޅުވި ގޮތުގައި، ފުވައްމުލަކުގައި ދިރާގު މޯލްޑިވްސް ރޯޑް ރޭސް ބޭއްވުމަކީ އެ ރަށަށް ލިބިގެންދާ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އަދި ދުވުމުގެ ސަބަބުން ފުވައްމުލަކުގެ ރީތިކަން މުޅި ދުނިޔެއަށް ދައްކާލުމުގެ ފުރުސަތު ލިބި، އެ ސިޓީއަކީ ދިވެހި އަދި ބައިނަލްއަގުވާމީ ދުވުންތެރިންނަށް އެކަށޭނެ މަންޒިލެއްގެ ގޮތުގައި ފާހަގަވެގެންދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
"އެހެންކަމުން، ރާއްޖެ އަދި ދުނިޔޭގެ އެކި ހިސާބުތަކުގައި ތިބި ދުވުންތެރިން 'ދިރާގު ފުވައްމުލައް ރަން' ގައި ބައިވެރިވެ މި ރަށުގެ ގުދުރަތީ ރީތިކަން ތަޖުރިބާ ކޮށްލުމަށް ދައުވަތު އަރުވަން. އަޅުގަނޑުމެން މި ތިބީ މި ދުވުމުގައި ބައިވެރިވުމަށް މި ރަށަށް ޒިޔާރަތްކުރާނެ ހުރިހާ ދުވުންތެރިންނަށް ހޫނު މަރުހަބާ އެއް ކިޔުމަށް ތައްޔާރަށް." ރަފީގު ވިދާޅުވިއެވެ.
'ދިރާގު މޯލްޑިވްސް ރޯޑް ރޭސް' އަކީ ވޯލްޑް އެތުލެޓިކްސް ސަޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދިވެހިރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ބައިނަލްއަގުވާމީ ދުވުމެވެ.
ދިރާގުން ބުނީ، އެ ދުވުން މާލޭގެ އިތުރުން ފުވައްމުލަކުގައި ބާއްވައި، ޑީއެމްއާރުއާރު ފުޅާ ކުރުމަކީ ދުޅަހެޔޮ، ހީވާގި މުޖުތަމައެއް ބިނާކުރުމަށް އަދި ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް އެ ކުންފުނިން އިސްނަގައިގެން ކުރަމުންދާ ބުރަ މަސައްކަތް ދައްކުވައިދޭ ކަމެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު