ހއ. ތަކަންދޫގެ އާސަރީ ތަންތަން ހިމާޔަތްކޮށް އެ ރަށުގައި ކަލްޗަރަލް ޓޫރިޒަމް ފުޅާކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް. ހއ. ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ތަކަންދުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ ތަކަންދޫއަކީ ތާރީހީ ގޮތުންނާއި އާސާރީ ގޮތުން ވަރަށް ހާއްސަ އިސްކަމެއް ދޭންޖެހޭ ރަށެއް ކަމަށެވެ. އެ މަނިކުފާނުގެ ވިސްނުންފުޅަކީ ރަށުގެ އާސާރީ ތަންތަން ހިމާޔަތްކޮށް އޭގެ ފައިދާ ތާރީހު ދަސްކުރަން ބޭނުންވާ އަދި ދިރާސާ ކުރާ ކިޔަވާ ކުދިންނަށް ލިބޭނެ ގޮތެއް ހެދުން ކަމަށެވެ.
"މިރަށުގައި މިހުރި ތަންތަން ރަގަޅު ގޮތުގައި ހިމާޔަތް ކުރެވުނީމަ، އަދި އެތަންތަނާ ބެހޭ ވާހަކަ ކިޔައިދެވޭނެ ގޮތެއް ގާއިމް ކުރެވިގެން ދިޔައީމަ އެކަން ވެގެންދާނެ އެތަންތަން ބަލައި، އޭގެއިން އެ ލިބޭ އިންސްޕިރޭޝަން ހޯދުމަށްޓަކައި އަންނަން ބޭނުންވާ ދުނިޔޭގެ ކަންކޮޅުތަކުގައި ތިބި ފަތުރުވެރިންނަށް ދެވޭ ވަރަށް ބޮޑު ފުރުސަތަކަށް،" ރައީސް ވިދާޅުވިއެވެ.
"އޭގެ އިތުރަށް މިތަނުގަ މިހުރި ތާރީހީ ތަންތަން، އެތަންތަނަށް ދޭންވާ އިސްކަން ދީގެން ބަޖެޓުން ހަރަދުކޮށް، އެތަންތަން ސަލާމަތްކޮށް، ރިނޮވޭޓްކޮށް، އޭގެ ހަގީގީ އައިޑެންޓިޓީއަށް އިޔާދަކޮށް، ރައްކާތެރިކޮށް ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ މަޝްރޫއެއް ހިންގުމަށް، އަދި އޭގެ އިތުރަށް އަޅުގަނޑުމެންގެ ކުދިންނަށް އަދި ޖުމްލަކޮށް ތާރީހު ދަސްކުރަން ބޭނުންވާ އަދި ދިރާސާ ކުރާ ކިޔަވާ ކުދިންނަށް ވެސް އޭގެ ނަފާ ލިބޭނެހެން ދެމެހެއްޓުން އެއީ އަޅުގަނޑުގެ ސިޔާސަތެއް"
އެ މަނިކުފާނު ވިދާޅުވީ ތަކަންދޫގެ ކައުންސިލުން ވަނީ ސަރުކާރާ ގުޅިގެން އެ ކަންކަން ހާސިލުކުރުމަށް މަަސައްކަތް ކުރަން ތައްޔާރަށް ތިބިކަން ހާމަކޮށްފައި ކަމަށެވެ.
ރައީސް ވިދާޅުވީ ރަށުގެ އާބާދީ މަދުވުމަކީ ރަށުގެ ތަރައްގީއަށް ހުރަސް އެޅިގެންވާނެ ކަމެއް ނޫން ކަމަށެވެ. ރަށުގެ ތާރީހީ ތަރިކަ ރައްކާ ކުރުމަކީ ވެސް ތަރައްގީގެ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު