ތ. ގުރައިދޫ އެއާޕޯޓް މަޝްރޫއަށް ބޭނުންވާ ބިން ހިއްކަން ފަށައި ބަންޑު ވޯލް ރޭނުމުގެ މަސައްކަތް ފަށައިފިއެވެ.

އެ މަޝްރޫއުގެ ކޮންޓްރެކްޓަރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ބުނީ ގުރައިދޫ އެއާޕޯޓް ތަރައްގީ ކުރުމަށްޓަކައި، ގުރައިދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން ބިން ހިއްކާ ސަަރަހައްދުގައި ބަންޑު ވޯލް ރޭނުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

ގުރައިދޫގައި އެއާޕޯޓް ތަރައްގީކުރުމަށް ބޭނުންވާ ބިން ހިއްކުމަށް އެމްޓީސީސީއާ ހަވާލުކުރީ 2024 ނޮވެމްބަރު 16 ގައެވެ. އެ އެއްބަސްވުމުގެ ދަށުން އެރަށުގައި އެއާޕޯޓް ހަދަން ބޭނުންވާ ބިން ހިއްކުމާއި ހިއްކި ސަރަހައްދު ހިމާޔަތް ކުރުމަށް ބޭނުންވާ ޝޯ ޕްރޮޓެކްޝަންގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެ މަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކުރީ 106.02 މިލިޔަން ރުފިޔާއަށެވެ. އަދި އެ މަސައްކަތް ނިންމުމަށް ދީފައިވަނީ 300 ދުވަހެވެ.

ތ. ގުރައިދޫގައި އެއާޕޯޓެއް ތަރައްގީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.