ގާނޫނުއަސާސީން ބޭރުން މި ސަރުކާރުން އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް ނުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދިއްދުއަށް މިއަދު ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި މިރޭ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ގާނޫނުއަސާސީން ލިބިދީފައިވާ ހުރިހާ ހައްގެއް ހުރިހާ ރައްޔިތުންނަށް އޮންނާނެ ކަމަށާއި ގާނޫނަކުން މަނާ ނުވާ ކޮންމެ ކަމެއް ކުރުމުގެ ހައްގުވެސް ކޮންމެ ރައްޔިތަކަށްވެސް އޮންނާނެ ކަމަށެވެ.

އޭގެ ބަދަލުގައި ސަރުކާރަށް އޮންނާނީ ގާނޫނުތަކުގައި ބުނެފައިވާ ކަންކަން އެކަނި ކުރުމުގެ ހައްގު ކަމަށާއި އެއީ އެ މަނިކުފާނު ގަބޫލުކުރައްވާ ގޮތް ކަމަށްވެސް ވިދާޅުވިއެވެ.

"މި ސަރުކާރުން އަމަލުކުރާނީ ގާނޫނުގައި ބުނެފައިވާ ގޮތަށް، އެ ގާނޫނުތަކުގައި ބުނެފައިވާ ގޮތުން ބޭރަކުން މި ސަރުކާރަކުން ނުކުރާނެ ކަމެއް. މިދިޔަ ދުވަސްތަކުގައިވެސް ނޯންނާނެ ކޮށްފައެއް. ކުރިއަށް އޮތް ތަނުގައިވެސް ނުކުރާނެ،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، އިމާރާތްތަކާއި ބިނާތައް ހަދައި ތަރައްގީ ގެންނަމުންދާ އިރު، ރައްޔިތުންގެ ސިކުނޑިވެސް ތަރައްގީވާންޖެހޭ ކަމަށެވެ. ނޫން ނަމަ ގެންނަ ތަރައްގީއެއްގެ ހަގީގީ މާނައެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ.