ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމުން އިބްރާހިމް ފައިސަލް ވަކިކުރެއްވި ފަހުން ފުރަތަމަ ފަހަރަށް ސޯޝަލް މީޑިއާގައި އޭނާ ރިއެކްޓު ކުރައްވައިފިއެވެ.
ޓޫރިޒަމް މިނިސްޓަރުކަމުން ފައިސަލް މިއަދު ވަކިކުރި ސަބަބެއް ސަރުކާރުން ބުނެފައެއް ނުވެއެވެ. ފައިސަލް ވަކިކުރުމަށްފަހު، އެ މިނިސްޓްރީގެ ހިންގުން ވަގުތީގޮތުން ހަވާލުކޮށްފައިވަނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުއާ އެވެ.
ވަކިކުރި ފަހުން ފައިސަލް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ހިއްސާކުރައްވާފައިވަނީ ކުރީގެ ރައީސް އަދި ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ބަސްފުޅެކެވެ.
"ކާމިޔާބީގައި ހިތްތިރިކުރައްވާށެވެ، އަދި ނާކާމިޔާބީގައި ހިތްވަރުގަދަކުރައްވާށެވެ..،" ނަޝީދު ޓެގްކުރައްވަމުން ޕޯސްޓުގައި ފައިސަލް ލިޔުއްވާފައިވެއެވެ.
ރައީސް ނަޝީދު އެންމެ ފުރަތަމަ އެ ބަސްފުޅު ވިދާޅުވެފައިވަނީ، 2008 ވަނަ އަހަރުގެ ސާނަވީ ތައުލީމު ނިންމާ އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހާސިލުކުރި ދަރިވަރުންނަށް އިނާމުދިނުމަށް 2009 ވަނަ އަހަރު ބޭއްވި ޖަލްސާގައެވެ. އޭރު ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގައި ހުންނެވީ ނަޝީދެވެ.
މިނިސްޓަރުކަމުގެ މަގާމުން ފައިސަލް ވަކިކުރުމުން، އޭނާގެ ބައްޕާފުޅު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ނުރުހުން ފާޅުކުރައްވައިފައެވެ. "ދައުރު" ނޫހަށް، އަބްދުއްރަހީމް ވިދާޅުވެފައިވަނީ، އޭނަ ވަކިކުރަންޖެހޭ ސަބަބެއް ނެތް ކަމަށާއި އެއީ ވަރަށް ދެރަކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ކަމެއް ކަމަށެވެ. އަދި ފައިސަލް ދެން ސަރުކާރާއެކު ނުހުންނަވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
އޭގެ ފަހުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވެސް އަބްދުއްރަހީމް ވިދާޅުވީ އޭނާގެ ދަރިފުޅާ މެދު ފަހުރުވެރިވާ ކަމަށެވެ. އަދި ފައިސަލް، ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ނަތީޖާ ނެރެދެއްވައިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުގެ ދަރިފުޅު އިބްރާހިމް ފައިސަލަށްޓަކައި އަޅުގަނޑާއި އަޅުގަނޑުގެ އާއިލާ ފަހުރުވެރިވަން. ރާއްޖޭގެ ފަތުރުވެރިކަމާ ބެހޭ ވަޒީރު ކަމުގެ މަގާމުގައި ހުރެގެން ހިދުމަތް ކުރީ އިހުލާސްތެރިކަމާއި ތެދުވެރިކަމާއެކު. ނަތީޖާނެރެ ދެއްކެވި. ދާއިރާގެ އިތުބާރާއި ލޯބި ހޯދި. މާތްﷲ ދަރިފުޅު ފައިސަލަށް ސާބިތުކަމާ ކެތްތެރިކަން މިންވަރުކުރައްވާ އުޖާލާ މާދަމާއެއް ދައްކަވާށި. އާމީން،" އަބްދުއްރަހީމް ވިދާޅުވިއެވެ.
ފައިސަލަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުން އަބްދުއްރަހީމް ވަކިކުރަން މަސައްކަތްކުރާކަމުގެ ވާހަކަތައް ވެސް ސޯޝަލް މީޑިއާގައި ވަނީ ފެތުރިފައެވެ.
ނަމަވެސް އެކަމާ ގުޅޭގޮތުން މިއަދު "ވަން"އަށް ދެއްވި އިންޓިވިއުއެއްގައި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވީ އެފަދަ މަސައްކަތެއް ނުކުރާ ކަމަށެވެ. އަދި އަބްދުއްރަހީމްއާ އެކު އޮތް ގުޅުމަށް އެއްވެސް ހީނަރުކަމެއް ނާންނަ ކަމަށާއި އެއްވެސް "ކޯޅުމެއް" ވެސް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު