އިންޑިއާ އާއި ރާއްޖޭގެ ގުޅުން ބަދަހިކުރަން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން އަރުވާ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ވިދާޅުވެއްޖެއެވެ.

ބޮޑުވަޒީރު މޯދީ މިހެން ވިދާޅުވެފައިވަނީ، އިންޑިއާގެ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ވިދާޅުވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓަކަށް ޖަވާބުދެއްވަމުންނެވެ.

"އިންޑިއާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ތަހުނިއާއަށް ޝުކުރު ދަންނަވަން. އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމާއި އެކުވެރިކަމާއި އެއްބާރުލުމުގެ މި ގުޅުން އިތުރަށް ބަދަހިކުރުމަށް އަޅުގަނޑުމެން މިތިބީ ތައްޔާރަށް،" އިންޑިއާގެ ބޮޑުވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.

އިންޑިއާގެ 75 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ރައީސް ޑްރޫޕަދީ މުރްމޫ އަދި ބޮޑުވަޒީރު މޯދީއަށް ފޮނުއްވި ތަހުނިޔާގެ ޕޯސްޓުގައި ރައީސް މުއިއްޒު ފާހަގަކުރެއްވީ އިންޑިއާއާއެކު ގާއިމުވެފައިވާ ބަދަހި ގުޅުން ދެމެހެއްޓުމަށް ރާއްޖެ ސާބިތުކަމާއެކު ދެމިހުންނާނެ ކަމަށެވެ. ދެ ގައުމުގެ ދެމެދުގައި އޮތީ އިތުބާރާއި އިހުތިރާމު އަދި އެއްގޮތް ވިސްނުމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

އިންޑިއާ އިން މިއަދު ފާހަގަކުރަމުން ދަނީ އެގައުމުގެ 76 ވަނަ ޖުމްހޫރީ ދުވަހެވެ.