ރާއްޖޭން އިންޑިއާގެ މުމްބާއީއަށް ދިޔަ މަތިންދާބޯޓެއްގެ ފާހާނާގައި ގިނަ އަދަދެއްގެ ރަން ފޮރުވައި، އެ ތަކެތި ވަގަށް އެތެރެކުރަން އުޅުނު އިންޑިއާ މީހަކު މުމްބާއީ އެއާޕޯޓުން ހައްޔަރުކޮށްފިއެވެ.

އިންޑިއާގެ ލަސްޓަމްސްގެ އެއާ އިންޓެލިޖެންސު ޔުނިޓު (އޭއައިޔޫ) އިން ބުނި ގޮތުގައި އެ މައްސަލައިގައި ހައްޔަރުކުރި މީހާ އަކީ ކަރްނާޓަކާގެ، އުމުރުން 24 އަހަރުގެ އިނާމުލް ހަސަންއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މީގެ ތިން ހަފުތާ ކުރިންނެވެ.

އޭއައިޔޫ އިން ބުނި ގޮތުގައި އިންޓެލިޖެންސަށް ލިބުނު މައުލޫމާތުގެ މައްޗަށް ބިނާކޮށް ބޯޓު ފާސްކުރި އިރު 2.1 ކްރޯ (3.7 މިލިއަން ދިވެހި ރުފިޔާ) ގެ ރަން ހުރި 13 ޕައުޗް ފެނުނީ މަތިންދާބޯޓުގެ ފާހާނާގެ ލައިޓް ޕެނަލެއްގެ ތެރެއަށް ލާފައި ހުއްޓާ ކަމަށެވެ.

އިންޑިއާގެ ކަސްޓަމްސްގެ އޮފިޝަލަކާ ހަވާލާދީ އެ ގައުމުގެ ނޫހެއް ކަމުގައިވާ ފްރީ ފްރެސް ޖާނަލް ގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އިނާމުލް ހަސަން ވަނީ މަތިންދާބޯޓުގެ ފާހާނާގައި ރަން ފޮރުވާފައިވާ ކަމަށް އިއުތިރާފުވެފަ އެވެ.

"އޭނާ ބުނީ އޭނާ ނާޖާއިޒު ވިޔަފާރީގެ ތެރެއަށް ނުކުތީ ފައިސާ ހޯދުމުގެ ބޭނުމުގައި ކަމަށް" އޮފިޝަލާ ހަވާލާދީ އެ ނޫހުގައި ރިޕޯޓުކޮށްފައިވެއެވެ.

އޭއައިޔޫ އިން މިހާރު އަންނަނީ އިނާމުލް ހަސަން އެ ރަން ހޯދީ ކޮން ތަނަކުންތޯ އާއި އެ ރަން ލިބުނީ ކާކުގެ އަތުންތޯ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.