ގެސްޓުންނަށް އުނދަގޫވާގޮތަށް ފެންސް ޖެހުން ހުއްޓުވަން އެދުނު ވަގުތީ އަމުރާމެދު އަލުން ގޮތެއް ނިންމަން ހައިކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަަލައަކީ ކ. ގުޅީގައި ޓޫރިސް ގެސްޓް ހައުސްއެއް ތަރައްގީކުރުމަށްޓަކައި 13650 އަކަފޫޓުގެ ބިން 50 އަހަރަށް ކުއްޔަށް ދިނުމާ ގުޅޭގޮތުން އަބްދުލްއައުލާ އަލީ ހަލީލް އާއި ޓުއަރިޒަމް މިނިސްޓްރީއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އޮޕަރޭޓް ކުރަމުންދިޔަ ގެސްޓް ހައުސްގެ މޫދާވީ ފަޅިން ގެސްޓް ހައުސް އިމުން ތިން ފޫޓު ދޫކޮށް ގުޅީ ކައުންސިލުން ގެސްޓުންނަށް އުނދަގޫވާގޮތަށް، ވިޔަފާރިއަށް ދަތިވާގޮތަށް ފެންސު ޖެހުމަށް ކުރަމުންދާ މަސައްކަތާ ގުޅިގެން ހުށަހެޅި މައްސަލައެކެވެ.

އެ މަސައްކަތް ވަގުތީގޮތުން ހުއްޓާލުމަށް ގުޅީ ކައުންސިލުގެ މައްޗަށް އަމުރުކޮށްދިނުން އެދި ގުޅީ މެޖިސްޓްރޭޓް ކޯޓަށް މައްސަލަ ހުށަހެޅިއެވެ. އެ ކޯޓުން ނިންމީ އެ މައްސަލައިގައި ވަގުތީ އަމުރު ނެރެންޖެހޭ ހާލަތެއް ނެތް ކަމަށެވެ.

އެކަމާ ހިތްހަމަނުޖެހިގެން އަބްދުލްއައުލާ އަލީ ހަލީލްގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.

މި މައްސަލައިގައި ހައިކޯޓުން ފާހަގަ ކޮށްފައިވަނީ، މައްސަލައިގެ އިސްތިއުނާފަށް ހުށަހަޅާފައިވާ ލިޔުންތަކަށް ބަލާ އިރު، އިސްތިއުނާފުކުރާ ފަރާތުން ހަލާވާދޭ އެއްބަސްވުން ޝަރީއަތަށް ހުށަހަޅާފައިވާ ކަމަށެވެ. އެ އެއްބަސްވުމަށް މަތިމަތިން ބަލާ އިރު، އިސްތިއުނާފުކުރާ ފަރާތުން ހިންގާ ގެސްޓް ހައުސްއާ އިންވެގެން އޮންނަ ބީޗާއި އަދި ބީޗު ސަރަހައްދު ބޭނުންކުރުމުގެ ހައްގު އިސްތިއުނާފުކުރާ ފަރާތަށް ލިބޭ ކަމަށެވެ. އަދި އެ އެއްބަސްވުމުގެ ދަށުން، އިސްތިއުނާފުކުރާ ފަރާތުން ގުޅީގައި ގެސްޓްހައުސްއެއް ހިންގަމުންދާ މައްސަލައިގައި ހަސްމުންގެ މެދުގައި ވެސް ހިލާފެއް ނެތެވެ.

ކޯޓު އަމުރަށް އެދި ހުށަހަޅާފައި ވަނީ، ޓޫރިޒަމް މިނިސްޓްރީ އާއި ކޯޓު އަމުރަށް އެދުނު ފަރާތާ ދެމެދު ވެފައިވާ އެއްބަސްވުމަށް ބަލާއިރު ފެންސް ޖެހުމަށް މަސައްކަތް ކުރާ ބިމަކީ ޓޫރިޒަމް ޒޯނުގެ ބިމެއް ކަމަށްބުނެ ފާހަގަކުރާ އަސާސް އާއި މީހުން ދިރިއުޅޭ ރަށްރަށުގައި ޓޫރިސްޓް ހޮޓަލާއި ޓޫރިސްޓް ގެސްޓްހައުސް ތަރައްގީކުރުމަށް ކައުންސިލް މެދުވެރިކޮށް ބިން ކުއްޔަށް ދިނުމަށް ބިން ކަނޑައެޅުމާބެހޭ އުސޫލުގައި، ޓޫރިޒަމް ބޭނުމަށް ކަނޑައަޅާފައިވާ ބިމާއި އެ ނޫން ބިންތަކާ ދެމެދު ފަސް މީޓަރުގެ ގްރީން އޭރިއާއެއް އޮންނަން ވާނެ ކަމަށް ބަޔާންކުރާ އަސާސްގެ މައްޗަށް ބިނާކޮށް ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން ވަގުތީ އަމުރަށް އެދުނު ފަރާތަށް ގާނޫނީގޮތުން ހިމާޔަތް ލިބެންޖެހޭ މައުލޫއީ ހައްގެއް ގާއިމު ވެގެންދާކަން ފާޅުކޮށް އެނގެން އޮންނަ ކަމަށްވެސް ބުނެފައިވެއެވެެ.

އެހެންކަމުން މި މައްސަލައިގައި ހައިކޯޓަށް ފާހަގަކުރެވުނު ސަބަބުތަކަށް ބަލައި ގުޅީ މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމް ބާތިލުކޮށް، ހައިކޯޓުން ފާހަގަކޮށްފައިވާ ކަންކަމުގެ އަލީގައި ވަގުތީ އަމުރާމެދު އަލުން ގޮތެއް ކަނޑައެޅުމަށް ގުޅީ މެޖިސްޓްރޭޓް ކޯޓަށް މައްސަލަ ތަހުލީލު ކުރާ ކަމަށް، އިސް ފަނޑިޔާރު ހުސެއިން ޝަހީދާއި ފަނޑިޔާރު މުހައްމަދު ސަލީމާއި ފަނޑިޔާރު ހުސެއިން މަޒީދުގެ އިއްތިފާގުން ވަނި ހުކުމްކޮށްފައެވެ.