ރ. އިންނަމާދޫ ވޮލީކޯޓު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުޅުއްވައިދެއްވައިފިއެވެ.

އިންނަމާދޫ ވޮލީކޯޓު ރައީސް ހުޅުއްވައިދެއްވީ ރ. އަތޮޅުގެ ރަށްތަކަށް އެ މަނިކުފާނު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނުގެ ވަގުތެއްގައި އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެ ރަސްމިއްޔާތުގައި ބައެއް ވަޒީރުންނާއި އެ ދާއިރާގެ މަޖިލިސް މެންބަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު އަދި އެ ރަށު ކައުންސިލު މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

އިންނަމާދޫ ކައުންސިލުގެ އެކްޒެކެޓިވް (ވަގުތީ ސެކްރެޓަރީ ޖެނެރަލް) އިމްރާން ޝަރީފް މިއަދު "ވަން" އަށް ވިދާޅުވީ 2023 ވަނަ އަހަރު އިންނަމާދޫ ވޮލީކޯޓުގެ މަސައްކަތް ފެށި ނަމަވެސް، އެކި ސަބަބުތަކާހުރެ މަސައްކަތް ކުރިއަށް ނުގެން އޮތުމަށްފަހު މި ސަރުކާރުން ހަވާލުވި ފަހުން އަހަރެއް ދުވަސްތެރޭ ނިންމައި މިއަދު ވަނީ ވޮލީކޯޓުގެ ބޭރު ގޭޓް އަދި އެ ތަނަށް ބޭނުންވާ ލައިޓުތަކާއެކު ރައީސް ހުޅުއްވައިދެއްވާފައި ކަމަށެވެ.

ރައީސް ޑރ. މުއިއްޒު ރ. އަތޮޅުގެ ކުރައްވާ ދަތުރުފުޅަކީ، ރައްޔިތުންގެ ކަންކަން ވީހާވެސް ގާތުން ބައްލަވައިގެން މަޝްވަރާކުރައްވައިގެން ކަންކަން ކުރިއަށްގެންދެވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި މިހާތަނަށް އެ އަތޮޅުގެ 8 ރަށަކަށް ވަޑައިގެންފައިވެއެވެ.

ރައީސްގެ މި ދަތުރުފުޅުގައި މިހާތަަނަށް 8 ރަށެއްގެ ކައުންސިލުތަކާ ބައްދަލުކުރައްވައި އެ ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާތައް ކުރައްވާފައިވެއެވެ. ހަމަ އެއާއެކު އެ ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކާ ބައްދަލުކުރައްވައި ރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާ ގުޅޭ ގިނަ މަޝްވަރާތަކެއް ކުރައްވާފައި ވާ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

ރާއްޖޭގެ ގިނަ ރަށްތަކެއްގައި ކުޅިވަރު ކުޅުމަށް އެކި ވަސީލަތްތައް ގާއިމުކުރުމަކީ ރައީސް ހާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ މަސައްކަތްތަކެކެވެ. މި ސަރުކާރުން އަތޮޅުތެރޭގެ ކުޅިވަރު ކުޅޭ ތަންތަނުގެ އިތުރަށް ތަރައްގީކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ އިރު، ކުޅިވަރު ދަނޑުތަކުގެ މަރާމާތާއި ކުޅިވަރު ކުރިއަރުވަން ސަރުކާރުން ވަނީ ގާތްގަނޑަކަށް 250 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ފާއިތުވި އެއް އަހަރުތެރޭ ހޭދަކޮށްފައެވެ.

ރައީސްގެ މި ދަތުރުފުޅުގައި އެ މަނިކުފާނުގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

ރ. އަތޮޅަށް ރައީސް ކުރައްވާ މި ދަތުރުފުޅުގައި އެ އަތޮޅުގެ 11 ރަށަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ. ރައީސްގެ މި ދަތުރުފުޅު ނިންމަވާލައްވައި، މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މިއަދުގެ ވަގުތެއްގައެވެ.