ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓްކޮށް ދޫކުރުމާއި، ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތް ރ. އަތޮޅުގައި ފަށައިފިއެވެ.

އެ ހިދުމަތް ފަށާފައިވަނީ އެ އަތޮޅުގެ ވެރިކަންކުރާ ރަށް، އުނގޫފާރުގަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އުނގޫފާރަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ޖަލްސާގެ ތެރެއިންއެ ހިދުމަތް ފައްޓަވައިދެއްވީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން އާއި ރ. އަތޮޅު ކައުންސިލްގެ ރައީސް ހުސައިން ނާސިފެވެ.

އިމިގްރޭޝަނުން ބުނީ މިއަދުން ފެށިގެން "އިމުގާ" މެދުވެރިކޮށް ހުށަހަޅާ ޕާސްޕޯޓު އުނގޫފާރުން ނެގުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓްކޮށް ދޫކުރުމާއި ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތް އުނގޫފާރުގައި ރަސްމީކޮށް ފަށާފައިވާއިރު، އެ ރަށަކީ އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީ ކުރެއްވުމަށް ރައީސް މުއިއްޒު ކަނޑައަޅުއްވާފައިވާ ހަތް ރަށުގެ ތެރޭގައި ހިމެނޭ ރަށެކެވެ