މި ދައުރުގެ ތެރޭގައި ރ. އުނގޫފާރުގައި 500 ހައުސިން ޔުނިޓު ތަރައްގީކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފިއެވެ.

ރ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އުނގޫފާރަށް ވަޑައިގެން، މިރޭ އެ ރަށުގެ ރައްޔިތުންނާ ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ މިއަހަރުގެ ބަޖެޓަކީ އާ މަޝްރޫއުތަކުގެ ތެރެއިން އެންމެ ގިނަ މަޝްރޫއު ހައުސިންގެ ދާއިރާއިން ހިންގަން ކަނޑައެޅި ބަޖެޓު ކަމަށެވެ.

"އެހެންވީމާ އިރާދަކުރެއްވިއްޔާ މިއަހަރާއި މި އަންނަ އަހަރާ، ދެ އަހަރު ދުވަހުގެ ތެރޭގައި މި ރަށުގައި އަޅުގަނޑުމެން ގެދޮރު ބިނާކުރުމުގެ މަޝްރޫއެއް ފަށާނަން. އަދި އިރާދަކުރެއްވިއްޔާ މި ދައުރުގެ ތެރޭގައި މި ރަށުގައި 500 ހައުސިން ޔުނިޓުގެ މަޝްރޫއެއް އަޅުގަނޑުމެން ކުރިއަށް ގެންގޮސްދޭނަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހައުސިން ޔުނިޓުތައް ހެދުމަށް ބޭނުންވާ ބިމާއި، އެކަމަށް ބޭނުންވާ ފަންނީ މަސައްކަތްތައް ކައުންސިލާއި ކަމާބެހޭ ވުޒާރާތަކާ އެކުގައި ނިންމުނުހާ އަވަހަކަށް ސަރުކާރުން އެކަމުގެ މަސައްކަތް ފަށާނެ ކަމަށެވެ. އެއީ އުނގޫފާރަށާއި، އެ ރަށަށް ހިދުމަތް ހޯދަން އަންނާނެ ފަރާތްތަކަށާއި، ހިޖުރަކުރާނެ ފަރާތްތަކަށް ވެސް ރަށުގެ ރައްޔިތުން ކަނޑައަޅާ ގޮތަކަށް ސަރުކާރުގެ ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތިން ބޭނުންކުރެވޭނެ އަދި އެ ރަށުގެ ތަރައްގީއަށް މުހިންމު ކަމަކަށްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"މުޅި ރާއްޖޭގެ ތަރައްގީގައި ވެސް ރައްޔިތުންނަށް އެންމެ މުހިންމީ ގެދޮރުގެ މައްސަލަ ހައްލުކުރުން. މިއަހަރުގެ ބަޖެޓުން 1500 މިލިއަން ރުފިޔާ ކަނޑައެޅީ ގެދޮރުގެ މަޝްރޫއުތައް ހިންގަން. ކެމްޕޭނުގައި އަޅުގަނޑު ވީ ވައުދުތައް، އެކި ރަށްރަށުގައި ގެދޮރުގެ މަޝްރޫއުތައް ހިންގަން ވީ ވައުދުތައް ފުއްދުމަށް މި މަސް ނިމުމުގެ ކުރީގައި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އިއުލާންކުރާނަން އެ މަޝްރޫއުތަކަށް ކޮންޓްރެކްޓަރުން ހޯދުމަށް،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ހައުސިން މަޝްރޫއުތައް މިއަހަރުގެ ތެރޭގައި އެކި ރަށްރަށުގައި ފެށިގެންދާނެ ކަމަށާއި ކެމްޕޭނުގައި ވައުދުވެވަޑައިގެންފައިވާ ގޮތަށް، ވައުދުވެވަޑައިގެންނެވި އަދަދަށް ހައުސިން މަޝްރޫއުތައް އަމަލީގޮތުން ފެށިގެންދާނެ ކަމަށެވެ. އަދި މި ދައުރުގެ ތެރޭގައި އެ ހުރިހާ މަޝްރޫއުތަކެއް ނިންމުމަކީ މި ސަރުކާރުގެ އެންމެ އިސް ތަރައްގީގެ ވާޖިބު ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.