މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް އެކުލަވާލި ޕެރިސް އެގްރިމަންޓުން އެމެރިކާ ވަކިވުމަށް އެ ގައުމުގެ އާ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވުމާ ގުޅިގެން ކްލައިމެޓް ވަލްނެރަބަލް ފޯރަމް (ސީވީއެފް)ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު އަދާކުރައްވާ ރާއްޖޭގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިތްހަމަނުޖެހުން ފާޅުކުރައްވައިފިއެވެ.

ޓްރަމްޕްގެ ރައީސްކަމުގެ ފުރަތަމަ ދައުރުގައި ވެސް އެމެރިކާ އިން ވަނީ ޕެރިސް އެގްރިމަންޓުން ވަކިވުމަށް ނިންމަވައިފައެވެ. ނަމަވެސް ޖޯ ބައިޑަން، ރައީސްކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު 2021 ވަނަ އަހަރު އެމެރިކާ އިން ވަނީ އަލުން ޕެރިސް އެގްރިމެންޓާ ގުޅިފައެވެ.

ދެވަނަ ފަހަރަށް އިއްޔެ ވެރިކަމުގެ ހުވާކުރެއްވުމަށްފަހު ޓްރަމްޕް ވަނީ އަނެއްކާވެސް ޕެރިސް އެގްރިމަންޓާ ވަކިވުމަށް ނިންމަވައިފައެވެ. ހުވާކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ އެއީ އެއްވެސް އިންސާފެއް ނެތް، ވަކި ފަރާތަކަށް ބުރަވާ އެއްބަސްވުމެއް ކަމަށެވެ.

ޓްރަމްޕްގެ އެ ނިންމެވުމާ ގުޅިގެން ނަޝީދު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެމެރިކާގެ އާ ސަރުކާރަށް މަރުހަބާ ދަންނަވާ ކަމަށާއި ނަމަވެސް ޓްރަމްޕްގެ ސަރުކާރުގެ ނިންމެވުމާ މެދު ހިތްހަމަނުޖެހުން ފާޅުކުރައްވާ ކަމަށެވެ.

"މޫސުމީ ބަދަލުތަކާ ގުޅޭ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން، ޓްރަމްޕްގެ ސަރުކާރުން ޕެރިސް އެގްރިމަންޓުން ވަކިވާން ނިންމި ނިންމުމަކީ ކަންބޮޑުވުމެއް. އަޅުގަނޑުމެންގެ މެންބަރު ގައުމުތަކަށް، އެންމެ ނާޒުކު 70 ގައުމަށް ޕެރިސް ގުޅިފައިވަނީ ދިރިހުރުމާ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ޕެރިސް އެގްރިމަންޓަކީ މޫސުމަށް ލިބޭ ގެއްލުންތައް އިސްލާހުކުރުމުގެ އެއްބަސްވުމެއް ކަމަށާއި ބޭނުންވާ ބަދަލުތައް ގެނެއުމަށް އެމެރިކާގެ ދައުރު ވަރަށް މުހިންމު ކަމަށެވެ. އަދި ނާޒުކު ގައުމުތަކަށް ކާރިސާގެ ވަގުތުތަކުގައި އެމެރިކާގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާނެކަން ވެސް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު ރައީސް ޓްރަމްޕަށް ދައުވަތު އަރުވަން، އަޅުގަނޑުގެ އުފަން ގައުމު ރާއްޖެ ހިމެނޭ ގޮތަށް، އަޅުގަނޑުމެންނަށް ކުރިމަތިވެފައިވާ ބައެއް ގޮންޖެހުންތައް ބައްލަވައިލެއްވުމަށް. ތޫފާނުތަކާއި ރާޅުތަކާއި، ރަށް ގިރުމާއި، ދަނޑުވެރިކަމަށް ކުރާ އަސަރުތަކަށް ވިސްނާލެއްވުމަށް ދައުވަތު އަރުވަން، އޭރުން އެ ނިންމެވުން ބަދަލުވެދާނެ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ މޫސުމީ ބަދަލުތަކުން އަރައިގަތުމަށާއި، ކާރިސާތަކުގައި ގުޅިގެން އެކުގައި މަސައްކަތްކުރަން ޖެހޭ ކަމަށާއި އެމެރިކާ އިން އަލުން ޕެރިސް އެގްރިމަންޓާ ގުޅޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.