ރަށެއްގެ މިސްކިތެއްގައި ކުޅިވަރު ކުޅުނު މައްސަލައެއް ބަލަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް މިއަދު ވިދާޅުވެއްޖެއެވެ.

މިސްކިތެއްގެ ތެރޭގައި ދެ ޖިންސު މަސްހުނިވެގެން ކުޅިވަރު ހަރަކާތެއް ކުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

އެކަމާއި ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިސްކިތެއް ކަމަށް ބެލެވޭ ތަނެއްގައި މިސްކިތެއްގެ ގަދަރާއި އިހުތިރާމާ ނުގުޅޭ ކަންތައްތަކެއް ކުރާތަން ފެންނަ ވީޑިއޯގެ މައްސަލަ އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އަދި މިސްކިތްތަކުގެ ހުރުމަތް ކަނޑާ ފަރާތްތަކަށް ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނާއި ގަވާއިދުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށްވެސް ވިދާޅުވިއެވެ.

'ވަން' އަށް އެނގިފައިވާ ގޮތުގައި އެއީ ތ. ވިލުފުށީގައި ހުންނަ މިސްކިތް ތެރޭގައި މިދިޔަ އަހަރުގެ ތެރޭގައި ބޭއްވި ހަރަކާތެކެވެ. އެތަނުގައި މިހާރުވެސް ބައްދަލުވުންތަކާއި ސްކޫލް ހަރަކާތްތައް ބާއްވާކަންވެސް މި ނޫހަށް އެނގިފައިވެއެވެ.