ވަޒީފާގެ އަހުލާގީ މިންގަނޑާ ހިލާފުވި މައްސަލައަކާ ގުޅިގެން ވ. ފުލިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ޝީރީން ނާހިދާ ލަތީފް ސަސްޕެންޑްކޮށްފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން 2024 އޮކްޓޫބަރު 27 ވަނަ ދުވަހު ބުނެފައިވަނީ ޝީރީންއާ ގުޅޭގޮތުން ތަހުގީގު ކުރި ވަޒީފާގެ މާހައުލާ ގުޅޭ ޕްރޮފެޝަނަލް ކޮންޑަކްޓްގެ މައްސަލައެއް ސާބިތުވެފައިވާތީ 2024 އޮގަސްޓް 28 ވަނަ ދުވަހު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައި އޭނާއަށް ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށެވެ.

ޖޭއެސްސީން ބުނެފައިވަނީ ޝީރީންގެ އެ އަމަލަކީ ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް ކޮށްފައިވާ އަމަލެއް ކަމުގައިވާތީ، ޖޭއެސްސީގެ ގާނޫނުގެ ދަށުން، ކަމާގުޅޭ ތަމްރީނެއް ފުރިހަމަ ކުރުމަށް އެންގުމަށް ނިންމާފައިވާ ކަމަށެވެ.

ޖޭއެސްސީން މިއަދު ބުނީ ޝީރީއާންއާ ގުޅޭގޮތުން އެ ކޮމިޝަނުން ތަހުގީގުކުރި މައްސަލަ، ސާބިތުވާތީ މުސާރަ އާއި އިނާޔަތްތައް ނުލިބޭ ގޮތަށް މިއަދުން ފެށިގެން 15 ދުވަހަށް ޝީރީން ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.