ގައުމީ އެއާލައިން، މޯލްޑިވިއަންގެ ދެވަނަ ވައިޑް-ބޮޑީ މަތިންދާބޯޓު ހާއްސަކުރާނީ ޔޫރަޕުން ފަތުރުވެރިން ގެނައުމަށް ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

މޯލްޑިވިއަން ފުރަތަމަ ވައިޑް-ބޮޑީ މަތިންދާބޯޓު މިމަހުގެ ހަވަނަ ދުވަހު ގެނެސްފައިވާ އިރު، އެ މަތިންދާބޯޓުން ދަތުރުތައް ކުރަނީ ޗައިނާގެ މަންޒިލުތަކަށެވެ. އެ ބޯޓުގެ އިތުރުން މޯލްޑިވިއަނުން ގެންނަ ވައިޑް-ބޮޑީ ދެވަނަ މަތިންދާބޯޓު، އަންނަ އޮކްޓޯބަރު މަހު އުދުހެން ފަށާނެ ކަމަށް އެ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިއުލާންކުރައްވައިފައެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ފައިސަލް ރޭ ވިދާޅުވީ އޮކްޓޯބަރު މަހު ގެންނަ މަތިންދާބޯޓުން ދަތުރުތައް ރޭވުމަށް، ކުރިއަށްއޮތް އައިޓީބީ ފެއާގައި ޓުއާ އޮޕަރޭޓަރުންނާއެކު މަޝްވަރާކޮށް އެއްބާރުލުން ހޯދުމަށް މަސައްކަތްކުރައްވާނެ ކަމަށާއި ކުރިއަށްއޮތް ފެއާތަކުގައި އެމްއެމްޕީއާރުސީއާއެކު މޯލްޑިވިއަނުން ވެސް ބައިވެރިވާނެ ކަމަށެވެ.

"އަޅުގަނޑަށް ގަބޫލުކުރެވެނީ އޮކްޓޯބަރު މަހުގައި އެ ގެންނަ ވައިޑް-ބޮޑީ އެއާކްރާފްޓުން ފައްޓާނީ ޔޫރަޕް މާކެޓުތަކުން ފަތުރުވެރިން އުފުލަން. އަޅުގަނޑު މިއަދު ޓޫރިޒަމް މިނިސްޓްރީގައި މޯލްޑިވިއަންގެ އެމްޑީ އާއި އެތަނުގެ ބައެއް ސްޓާފުންނާއި އަދި އެމްއެމްޕީއާރުސީގެ އެމްޑީއާ އެކީގައި އެ މަޝްވަރާކުރިން،" މިނިސްޓަރު ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ މޯލްޑިވިއަނުން ވައިޑް-ބޮޑީ މަތިންދާބޯޓުތައް ގެނައުމަކީ އައްޑޫ އަދި ރާއްޖޭގެ ބައިނަލްއަގުވާމީ އެހެން އެއާޕޯޓުތަކަށް ފަތުރުވެރިން އުފުލައި، ފަތުރުވެރިކަމަށް ލިބޭނެ ބޮޑު ކުރިއެރުމަކަށް ވާނެ ކަމަށާއި މިއީ ރާއްޖޭގެ ފަތުރުވެރިކަމަށް މީގެ ކުރީ ވެރިކަންތަކުގައި ނުކުރާ ވަރަށް މަސައްކަތްކުރި ސަރުކާރެއް ކަމަށެވެ. އަދި ގައުމީ އެއާލައިން ވަރުގަދަވެގެން ދިއުމަކީ އެގައުމަކަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއްކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"މިސާލަކަށް އަޅުގަނޑުމެން ބަލައިލަމާ ހިނގާ އެއާލައިންތަކުގެ އިންޑަސްޓްރީގައި މިޑްލްއީސްޓް މިއުޅެނީ ވަރަށް ބޮޑުތަނުން ކުރީގަ. ގަތަރު އެއާވޭސް، އެމިރޭޓްސް އިއްތިހާދު، ސިންގަޕޯ އެއާލައިންސް. ދިވެހިރާއްޖެއަށް ވަރަށް ގިނަ މީހުން ބޭނުންވޭ. އެހެންނަމަވެސް ޔޫރަޕުން އަންނަ ތިން ހަތަރު ހާސް ޑޮލަރު އިކޮނޮމީ ކްލާހުގެ ޓިކެޓަކަށް ހަރަދުކުރަންވީމަ ވަރަށް ބޮޑުވޭ. އެއީ އެހެން ތަނަކަށް ގޮސް މުޅި ހޮލިޑޭ ނިންމާލެވޭހާ ލާރި އެބަ ހަރަދުވޭ. އެހެންވީމާ އަޅުގަނޑުމެން އެ ޕްރައިސްތައް ކުޑަކޮށްގެން ގައުމީ އެއާލައިނުން ސޯސް މާކެޓުތަކުން، ހާއްސަކޮށް ޗައިނާ، އިންޑިއާ އަދި ޔޫރަޕް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ފައިސަލް އިތުރަށް ވިދާޅުވީ ދެކިވަޑައިގަންނަވަން ބޭނުންވާ ދުވަހަކީ މޯލްޑިވިއަންގައި މީގެ ދިހަ އަހަރު ފަހުން ދިހައެއް، ފަނަރަ ނުވަތަ ވިހި މަތިންދާބޯޓު އޮވެގެން ދުނިޔޭގެ އެކި ގައުމުތަކުން ފަތުރުވެރިން ގެނެވި، މޯލްޑިވިއަންއަކީ ދައުލަތަށް ފައިދާވާ ކުންފުންޏެއްގެ ގޮތުގައިވުން ކަމަށެވެ. އަދި މިހާރު ގެނެސްފައިވާ މަތިންދާބޯޓުން މިއަހަރު 40،000 އެއްހާ ފަތުރުވެރިން ގެނެވޭނެކަން މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވެފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

ރާއްޖޭން ބޭރުގެ އިތުރު މަންޒިލްތަކަށް ދަތުރު ފެށުމަށް މޯލްޑިވިއަނުން ވައިޑް-ބޮޑީ ދެ ބޯޓު ގެންނަން އެހީތެރިވަނީ ސަރުކާރުންނެވެ. އެގޮތުން އެކަމަށް ބޭނުންވާ ފައިސާ، ފިނޭންސް މިނިސްޓްރީގެ ތެރެއިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑަށް ހަމަޖައްސައިދިނުމަށް 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ވަނީ ނިންމައިފައެވެ.

އެއާއެކު 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު މޯލްޑިވިއަނުން ވަނީ އެއާބަސް އޭ330-200ގެ މަތިންދާބޯޓެއް ކުއްޔަށް ހޯދަން އިއުލާންކޮށްފައެވެ. އެއީ 406 ސީޓު ހަރުކުރެވޭ، އަދި 7،250 ނޯޓިކަލް މޭލަށް ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ ބޯޓެކެވެ. އެ ބޯޓު ކުއްޔަށް ނަގަން ނިންމާފައިވަނީ ފަސް އަހަރުގެ މުއްދަތަކަށެވެ.

މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ މަތިންދާބޯޓުގެ ސީދާ ދަތުރުތައް ރާއްޖެއިން ޗައިނާގެ ބެއިޖިން، ޝަންހާއީ، ޗަންގްޑޫ އަދި ޝިއާންއަށް ކުރުމަށް ވަނީ ނިންމައިފައެވެ. އޭގެ އިތުރުން އެހެން މަންޒިލުތަކަށް ވެސް އަދި ދަތުރުތައް ފެށިގެންދާނެކަން ރައީސް ވަނީ މިމަހުގެ ހަވަނަ ދުވަހު އިއުލާންކުރައްވައިފައެވެ.