ދަ ޑިމޮކްރެޓްސް ފެއިލްވެފައިވާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި ކުރީގެ މަޖިލިސް މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފް ހިމެނޭހެން އެ ޕާޓީގައި އިސްކޮށް އުޅުއްވި ބައެއް މެންބަރުން އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމާ ގުޅިގެން ޑިމޮކްރެޓްސްއިން ބޮޑުފެންވަޅުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވައްޑެ ވިދާޅުވީ، މުސްތަގުބަލުގައި ޑިމޮކްރެޓްސް ވެގެންދާނީ ރާއްޖޭގައި ފެން ހިފޭ އެންމެ ރަނގަޅު، އިސްލާހީ، މާނަވީ ބަދަލެއްގެ ވާހަކަ ދައްކާ އަދި އެ މަސައްކަތް ކުރާ ޕާޓީ އަކަށް ކަމަށެވެ.

ވައްޑެ ވިދާޅުވީ، ޑިމޮކްރެޓްސް ދޫކޮށް އެމްޑީޕީއާ ގުޅިވަޑައިގެންނެވި ބޭފުޅުން، ޑިމޮކްރެޓްސް ދޫކޮށްލެއްވީ، އެއްވެސް މައްސަލައެއް ޖެހިގެން ނޫން ކަމަށާއި އެއީ އެ ބޭފުޅުންގެ އަމިއްލަ ސިޔާސީ ނިންމެވުމެއް ކަމަށެވެ. އެކަމަށް މަރުހަބާ ކިޔާ ކަމަށްވެސް ވިދާޅުވިއެވެ.

ވައްޑެ ވިދާޅުވީ، ޑިމޮކްރެޓްސް އޮތީ ވަރަށް ޅަފަތުގައި ކަމަށާއި އެ ޕާޓީން ބަޔަކު ވަކިވި ނަމަވެސް ޕާޓީ ފެއިލްވި ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ޕާޓީ އިރާދަކުރެއްވިއްޔާ ފަނޑެއް ނުވާނެ. އަޅުގަނޑު ޔަގީންކަންދެން އަޅުގަނޑުމެންގެ މެންބަރުންނަށް މި ޕާޓީ މާ ވަރުގަދަކޮށް ކުރިއަށްދާނެ" ވައްޑެ ވިދާޅުވިއެވެ.

ވައްޑެ ވިދާޅުވީ، ޑިމޮކްރެޓްސްގައި އިސްލާހީ ވިސްނުމެއް ތަންމިނަށް ފުރުސަތު ހުޅުވިފައި އޮންނާނެ ކަމަށާއި އެ މަސައްކަތަށް ޝައުގުވެރިވާ ޒުވާނުންނަށް އެ ޕާޓީއާ ގުޅުމަށް ދައުވަތު އަރުވާ ކަމަށެވެ.

ވައްޑެ ވިދާޅުވީ، ރާއްޖޭގެ ވެރިކަމުގެ ހަރާބުވެފައި އޮތް އޮނިގަނޑު އިސްލާހުކުރުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ޑިމޮކްރެޓްސްއިން ކުރާނެ ކަމަށެވެ. އަދި ޕާޓީގެ ހުސްވެފައިވާ ލީޑަޝިޕަށް މީހުން އިންތިހާބުކޮށް އާ ލީޑަޝިޕަކާއެކު ޕާޓީގެ ކަންކަން ކުރިއަށްގެންދާނެ ކަމަށެވެ.