ހުޅުމާލެ ފޭސް 2ގައި ހުންނަ ދެ ޓްރާންސްފޯމަރަށް ގެއްލުން ދީފިއެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހައި ވޯލްޓޭޖް (އެޗްވީ)ގެ ދެ ޓްރާންސްފޯމަރަށް ގެއްލުން ދީފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ކަރަންޓު ކެނޑިގެންދިޔަ ކަމަށްވެސް ވިދާޅުވިއެވެ.

ފަހުމީ ވިދާޅުވީ، ވަށައިގެން ފާރު ރާނައި ޑަބަލް ލޮކްކޮށްފައި ހުންނަ ތަނަށް ވަދެ ޓްރާންސްފޯމަރުތަކަށް ގެއްލުން ދިނީ ތަޅުތަކަށް ގެއްލުން ދިނުމަށްފަހު ކަމަށެވެ. އަދި އެޗްވީގެ ސްވިޗުތައް ނިއްވާލާފައި ހުރި ގޮތުން އެކަން ކޮށްފައިވަނީ ޓްރާންސްފޯމަރު ސިސްޓަމްތަކާއި އޭގެ އޮޕަރޭޝަންގެ ޓެކްނިކަލް މައުލޫމާތު އެނގޭ ބައެއްކަން އެނގޭ ކަމަށް ވިދާޅުވިއެވެ.

ފަހުމީ އިތުރަށް ވިދާޅުވީ، ޓްރާންސްފޯމަރު ފަދަ ނުރައްކާތެރި އިންފްރާންސްޓްރަކްޗާތަކަށް ގެއްލުން ދިނުމަކީ އެކަން ކުރާ މީހާ ކަރަންޓުގައި ޖެހި، ސީރިއަސް އަނިޔާވުމާއި އަދި މަރުވުން ފަދަ ނުރައްކާތައް ކުރިމަތިވެދާނެ ކަމެއް ކަމަށެވެ.

މި މައްސަލަ ތަހުގީގު ކުރަމުންދާކަން ފާހަގަކުރައްވައި ކުރިއަށް އޮތް ތަނުގައި މިފަދަ ކަންކަން ކުރިމަތިނުވާނެ ފަދަ ގޮތަކަށް ފިޔަވަޅުތައް އަޅާފައިވާ ކަމަށްވެސް ފަހުމީ ވިދާޅުވިއެވެ.