ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކޮށް ގއ. އިން ގދ. އަށް އޮރެންޖު އެލާޓު ނެރެފިއެވެ.

މޯލްޑިވްސް މީޓްރޮލޮޖިކަލް ސާވިސް އިން މިއަދު ބުނީ ގއ. އަތޮޅުން ގދ. އަތޮޅަށް މިއަދު މެންދުރު 12:50 އިން 15:00 އަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހި ފެންބޮޑުވެދާނެ ކަމަށް ލަފާކުރާ ކަމަށެވެ. އެހެންކަމުން މޫސުމާބެހޭ އިދާރާއިން ވަނީ އެ ދެ އަތޮޅަށް އޮރެންޖު ސަމާލު ނެރެފައެވެ.

އޮރެންޖު ކުލަ ނުވަތަ އޮރެންޖު ސަމާލަކީ، ގުގުރުމާ އެކު ބޯކޮށްވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާ ކުރެވޭތީ ނެރޭ ސަމާލުގެ ކުލައެވެ.

އޮރެންޖް އެލާޓް ނެރުމުގެ އިރުކޮޅެއް ކުރިން އެ ސަރަހައްދަށް ޔެލޯ އެލާޓް ވެސް ނެރުނެވެ. އެލާޓް ލެވަލް މަތިކުރީ އޭގެ 15 ވަރަކަށް މިނެޓު ފަހުންނެވެ.

މެޓް އޮފީހުން ބުނި ގޮތުގައި މިރޭ ބައެއް ރަށްތަކަށް ކެރީގެ އަސަރު ކުރުން އެކަށީގެންވާ ކަމަށާއި ވައި ޖެހޭނީ އިރުއުތުރާއި އިރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށެވެ. ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިން ހުންނާނީ ހަތަރު ފޫޓާއި ހަ ފޫޓާ ދެމެދުގައެވެ. އެހެންވެ މެޓުން ވަނީ ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.