ބޮޑުހިލަ ނެތުމުގެ ސަބަބުން ހުއްޓިފައިވާ މަޝްރޫއުތައް އަލުން ފެށުމަށް ބޭނުންވާ ބޮޑުހިލަ ބަލްކުކޮށް ގެންނަން ނިންމަވައި އެކަމަށް ފައިސާ ހަމަޖައްސަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ގދ. ރަތަފަންދުއަށް މިއަދު ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ އެމްޓީސީސީއާ ހަވާލުކޮށްފައިވާ އެރަށުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ހުއްޓިފައިވަނީ ބޭނުންވާ ފައިސާ ނެތުމުންނާއި ބޭނުންވާ މެޓީރިއަލް ނެތުމުގެ ސަބަބުން ކަމަށެވެ.

ރައީސް ވިދާޅުވީ މަސައްކަތަށް ބޭނުންވާ ސާމާނު ނެތިގެން ވަރަށް ގިނަ މަޝްރޫއުތައް ހުއްޓިފައިވާ ކަމަށާއި އެގޮތުން އެންމެ ގިނަ ރަށްރަށުގެ މަޝްރޫއުތައް ހުއްޓިފައިވަނީ ބޮޑުހިލަ ނެތުމުގެ ސަބަބުން ކަމަށެވެ.

"މިދިޔަ ހަފުތާ ތެރޭގައި އަޅުގަނޑު މިކަމާ ބެހޭ ހުރިހާ ކުންފުނިތަކުގެ ވެރިންނާއި ފިނޭންސް މިނިސްޓަރާއި ކޮންސްޓްރަކްޝަން މިނިސްޓަރާ އެކީގައި ބައްދަލުވުމެއް ބާއްވާފައި ގޮތްތަކެއް ރާވައިފިން، ހުރިހާ ރަށަކަށް ބޭނުންވާ ބޮޑުހިލަ ބަލްކުކޮށް ރާއްޖެ ގެންނަން. އެއީ އެކި ރަށްރަށުގައި މިހުރީ މަސައްކަތްތައް ހުއްޓިފައި ބޮޑުހިލަ ނެތިގެން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބޮޑުހިލަ ނެތުމުގެ ސަބަބުން ބައެއް ބަނދަރު މަސައްކަތްތަކާއި ރަށްގިރުމުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތާއި ބިން ހިއްކުމަށްޓަކައި ބޭނުންވާ ތޮށި ލުމުގެ މަސައްކަތްތައް ހުއްޓިފައިވާ ކަމަށެވެ. ނަމަވެސް ބޮޑުހިލަ ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް މިހާރު ޕްލޭން ރޭވި އެކަމަށް މިދިޔަ ހަފުތާގައި ފައިސާ ވެސް ހަމަޖައްސާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ބޮޑުހިލަ ލިބުމާ އެކު އެރަށުގެ ގިރާ ސަރަހައްދުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެ މަސައްކަތް ކުރާ އިރު، ރަށުގެ ރައްޔިތުން މޫދަށް އެރޭނެ ސަރަހައްދެއް ހަދައިދެއްވާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.