ވިލިމާލޭގައި ހުންނަ ކޯސްޓްގާޑްގެ މެރިޓަމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ)ގެ ވީއައިޕީގައި ބައްޕަ ގެންގުޅުއްވި މައްސަލައިގައި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމްގެ މައްޗަށް، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ ސާބިތު ނުވި މައްސަލަ ހައިކޯޓަށް ހުށަހަޅައިފިއެވެ.
ދައުލަތުން ޝިޔާމްގެ މައްޗަށް ދައުވާކުރީ ވިލިމާލޭގައި ހުންނަ ކޯސްޓްގާޑްގެ އެމްއާރުސީސީގެ އިމާރާތުގައި، 2017 ވަނަ އަހަރުން ފެށިގެން ޝިޔާމްގެ ބައްފަ ދިރިއުޅެން ބެހެއްޓި މައްސަލާގައެވެ.
ކްރިމިނަލް ކޯޓުން މި މައްސަލަ ބެއްލެވި ގާޒީ އާމިނަތު އަޒުލިފާ 2024 ވަނަ އަހަރުގެ އޮކްޓޫބަރުމަހުގެ އެކެއްގައި ކުރި ހުކުމުގައި ވަނީ، ދައުލަތުން ހުށަހެޅި ހެކިތަކުން ދައުވާ ސާބިތު ނުވާ ކަމަށެވެ. އެގޮތުން ގެސްޓުހައުސްގައި އާއިލީ މީހުން ބެހެއްޓޭނެ ވަކި މުއްދަތެއް ސިފައިންގެއިން ކަނޑައަޅާފައި ނުވާތީ ޝިޔާމްގެ ބައްޕަ ބެހެއްޓީ ދިގު މުއްދަތަކަށްކަން ސާބިތު ކުރެވިފައި ނުވާ ކަމަށެވެ.
ގާޒީ އެގޮތަށް ހުކުމް ކުރެއްވީ، އެކަމުގައި އަމަލުކުރަމުން ދިޔަ އުސޫލުން ޗީފް ޑިފެންސްގެ ބިއުރޯއިން ހުއްދަ ދޭ ފަރާތްތައް އެތަނުގައި ބެހެއްޓޭކަމާއި ސިފައިންގެ އާއިލާގެ މީހުންނާއި ސިފައިންގެ ދައުވަތަށް އަންނަ މެހެމާނުން އެކި މުއްދަތަށް އެތަނުގައި ބައިތިއްބައި ހިދުމަތް ދިނުމާއި އާންމުކޮށް މީހަކު ބަހައްޓާ މުއްދަތަށްވުރެ ދިގު މުއްދަތަށް އެތަނުގައި ސިޔާމްގެ ބައްޕަ ބެހެއްޓިކަން ކަނޑައެޅޭނެ ގޮތެއް ނެތުމުންނެވެ.
މި މައްސަލަ ދައުލަތުން ހައިކޯޓަށް ހުށަހަޅާފައި ވަނީ މިދިޔަމަހުގެ 29 ވަނަ ދުވަހުއެވެ. ނަމަވެސް އެ މައްސަލަ އަދި ކޯޓަށް ބަލައިގެންފައެއްނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު